ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ފްރާންސްގެ ކުޅުންތެރިންގެ ކެރިއަރުގައި ކުޅޭނެ އެންމެ މުހިއްމު މެޗު ކަމަށް އެޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނެފިއެވެ.

މުބާރާތުގެ ފައިނަލްގައި ކްރޮއޭޝިޔާއާ ދެކޮޅަށް ފްރާންސް މިރޭ ނިކުންނައިރު މުބާރާތުގެ ފައިނަލަށް އެޓީމު ދަތުރުކުރީ ސެމީފައިނަލްގައި ބެލްޖިއަމްގެ މައްޗަށް 0-1 އިން ކުރި ހޯދައިގެންނެވެ. މިއީ 2006 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޑެޝޯމްޕް ބުނީ މިރޭ މި ކުޅެނީ ވޯލްޑް ކަޕްގެ ފައިނަލެއް ކަމުން މި މެޗު ވަރަށް ހާއްސަވާނެ ކަމަށާއި މިފަދަ މެޗެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ފުޓްބޯޅަ ކުޅުންތެރިއަކަށް ވޯލްޑް ކަޕެއްގެ ފައިނަލެއްގައި ކުޅުމަށްވުރެ ރީތި ކަމެއް ނޯންނާނެ ކަމަށްވެސް ޑެޝޯމްޕް ބުންޏެވެ.

"މިރޭގެ މެޗަށް އަހަރުމެންނަށް ތައްޔާރުވެވެން އޮތް އެންމެ ރަނގަޅަކަށް ވަނީ ތައްޔާރުވެވިފަ. މި މެޗުގައި ކުޅެންޖެހޭނީ ވަރަށް ހަމަޖެހިލައިގެން، އިތުބާރާއި އަދި ވަރަށް ބޮޑަށް ސަމާލުކަންދީގެން. ފައިނަލަށް އަހަރުމެން ތައްޔާރުވީ މި ކަންތައް ސިކުނޑީގައި ބަހައްޓައިގެން ތިބެ" ޑެޝޯމްޕް ބުންޏެވެ.

އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ވެސް ފްރާންސް ކުޅުނުއިރު ޑެޝޯމްޕް ބުނީ އެ ފައިނަލަށްފަހު ޓީމަށް އަލަށް 14 ކުޅުންތެރިން ނަގާފައިވާ ކަމަށާއި އެހެންކަމުން ފްރާންސް ޓީމުގައި ތިބީ މިފަދަ ބޮޑު މުބާރާތެއްގެ ތަޖުރިބާ މަދު ކުޅުންތެރިން ކަމަށެވެ. ތަޖުރިބާ މަދުވި ނަމަވެސް އެޓީމުގައި ފެންވަރު އެބަހުރިކަން ޑެޝޯމްޕް ފާހަގަކުރިއެވެ.

ފްރާންސް ޓީމާއި ހިލާފަށް ކްރޮއޭޝިޔާ ޓީމުގައި ކްލަބު ލެވެލްގެ ތަޖުރިބާ ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި މި މުބާރާތުގައި ފްރާންސް އިން ކުޅުނު ހުރިހާ ޓީމަކީ ވެސް ތަޖުރިބާގެ ގޮތުން ފްރާންސް އަށްވުރެ ކުރީގައި އުޅޭ ޓީމުތަކެއް ކަމަށްވެސް އޭނާ ބުންޏެވެ.

"މިރޭގެ މެޗަކީ މި ކުޅުންތެރިންގެ ކެރިއަރުގައި ކުޅޭނެ އެންމެ މުހިއްމު މެޗު. އަދި މިއީ އަހަރުމެން މިއަހަރުތެރޭ ވެސް ކުޅޭނެ އެންމެ މުހިއްމު މެޗު. އަހަރުމެން ހާސިލުކުރަން މި އުޅޭކަން ހާސިލުކުރުން އަދި އޮތީ ވަރަށް ދުރުގަ. މިރޭ އަހަރުމެން މި ނިކުންނަނީ ފެންވަރު ހުރި މޮޅު ޓީމަކާއި ދެކޮޅަށް. މިރޭގެ މެޗުން މޮޅުވުމަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރަންޖެހޭ" ޑެޝޯމްޕް ބުންޏެވެ.

މިރޭގެ މެޗުން މޮޅުވެއްޖެނަމަ މިއީ ފްރާންސް ވޯލްޑް ކަޕް ކާމިޔާބުގެ ޗެމްޕިއަންކަން ހޯދާނެ ދެވަނަ ފަހަރަށް ވާނެއެވެ. ފްރާންސް އިން އެންމެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރީ 1998 ވަނަ އަހަރުއެވެ. އެ މުބާރާތް ކާމިޔާބުކުރި ޓީމުގައި މިހާރު ފްރާންސް ޓީމުގެ ކޯޗު ޑެޝޯމްޕް ވެސް ހިމެނުނެވެ.

ފްރާންސް އާއި ކްރޮއޭޝިއާ ބައްދަލުކުރާ ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރުއެވެ.