ބްރެޒިލް އަދި ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ ޖޫނިއާ އާއި މަންޑްޒުކިޗް ތެރެއިން އެންމެ ރަނގަޅީ މަންޑްޒުކިޗް ކަމަށް ކުރީގެ ޖަރުމަނު ގައުމީ ޓީމަށް ކުޅެދިން ސްޓެފަން އެފެންބާރގް ބުނެފިއެވެ،

ސްޓެފަން އެފެންބާރގް އަށް މަންޑްޒުކިޗް ރަނގަޅުވި އިރު އޭނާ ގަބޫލު ކުރާގޮތުން މަންޑްޒުކިޗްގެ އުމުރުން ދުވަސް ނޫން ނަމަ އޭނާގެ އަގު 200 މިލިއަން ޔޫރޯ އަށް އަރާނެ ކަމަށެވެ. މިފަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިޔާ ދަތުރު ކުރި ލަނޑު މަންޑްޒުކިޗް ކާމިޔާބު ކޮށްދިން އިރު ބްރެޒިލް ވަނީ ކުއާޓާ ފައިނަލުން ކަޓާފައެވެ.

ޔުވެންޓަސް ގައި މޮޅު ސީޒަނެއް ކުޅުމަށްފަހު ރަޝިޔާގައި ކުރިޔަށްދާ ވޯލްޑް ކަޕުގައި މަންޑްޒުކިޗް ވަނީ 2 ލަނޑު ކްރޮއޭޝިޔާ އަށް ކާމިޔާބު ކޮށްފައެވެ. މީގެ ތެރެއިން ސެމީގައި އިތުރު ވަގުތުގެ ތެރޭގައި އޭނާ ޖެހި ލަނޑު އެއީ މަންޑްޒުކިޗް ގެ ހަނދާނުން ފޮހިވެގެން ނުދާނެ ލަނޑެކެވެ.

މީގެ އިތުރުން ކުރިން ބަޔާން މިއުނިކް ތަރި އެފެންބާގް ބުނެފައިވަނީ، ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާން އިން މަންޑްޒުކިޗް ވިއްކާލީ ކީއްވެކަން އޭނާ އަށް ނޭނގޭ ކަމަށާއި ބްރެޒިލްގެ ފޯވާޑް އަށް ވުރެ މަންޑްޒުކިޗް ރަނގަޅު ކަމަށެވެ.

"އަހަރެންނަށް އެއްގޮތަކަށްވެސް ނޭނގޭ ބަޔާން މިއުނިކް އިން އޭނާ ވިއްކާލީ ކީއްވެކަން، މަންޑްޒުކިޗް އަކީ ދުނިޔޭގެ އެންމެ މޮޅު ތިން ފޯވާޑުންގެ ތެރެއިން ފޯވާޑެއް. އޭނާ އަކީ ޓީމާއި އެކު މަސައްކަތް ކޮށް ލަނޑު ޖަހާ ކުޅުންތެރިއެއް. ބަޔާން ގައި އޭނާ ހުރި ނަމަ މިހާރު އޭނާގެ އަގު އަރާނެ 200 މިލިއަން އަށް. އަހަރެން ގަބޫލު ކުރާގޮތުގައި ނޭމާ އަށް ވުރެ 10 ގުނަ މަނޑްޒުކިޗް މޮޅު" އެފެންބާގް ބުންޏެވެ،