މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާނީ މިއަދު ކުޅެވޭ ފީފާ ވޯލްޑް ކަޕުގެ ފައިނަލަށް ކަން ޔަޤީނެވެ. މިއަދު، ކޮފީތަކުގަޔާއި މަސައްކަތުގެ މާހައުލުގައިވެސް ދެކެވޭނެ މައިގަނޑު ވާހަކައަކީ މިއީކަން ޔަޤީނެވެ. ހަމައެހެންމެ، ގްރޫޕު ޗެޓުތަކުގެ މައިގަނޑު ވާހަކައަކަށް މިއަދު ވެފައިވާނީވެސް، ފައިނަލުގެ ވާހަކަކަން ޔަޤީނެވެ.

މިކަމަށް އިތުރު ބާރެއް ގެނެސްދީ، މި ވާހަކަތަކުގެ ފޯރި، މިކަމުގެ އިތުރުކޮށްދޭނެކަން ޔަޤީނެވެ. އެއީ، ފައިނަލް މެޗު ފެށުމުގެ ކުރިން، މަޝްހޫރު ފަންނާނުންތަކެއް، ސްޓޭޑިއަމުގައި ޕާފޯމް ކުރުމަށް ހަމަޖެހިފައިވާތީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ އޮންނަ ފައިނަލް މެޗުގެ ކުރިން ލަވަ ހުށަހަޅައިދިނުމަށް ހަމަޖެހިފައިވަނީ، ވޯލްޑް ކަޕުގެ އޮފިޝަލް ލަވަ ކިޔައިދީފައިވާ ތިން ފަންނާނުންނެވެ. އެ ލަވަ ކިޔައިދީފައިވަނީ ނިކީ ޖޭމް، ވިލް ސްމިތު އަދި އެރާ އިސްޓްރެފީ އެވެ. މި ތިން ފަންނާނުން ކިޔައިދީފައިވާ ލަވައިގެ މިއުޒިކް ވީޑިޔޯގައިވެސް ހަރަކާތްތެރިވަނީ މި ފަންނާނުންނެވެ.

https://www.instagram.com/p/BlLOBPUBIMa/?taken-by=fifaworldcup

"ލިވް އިޓް އަޕް" ގެ ނަމުގައި އުފައްދާފައިވާ މި ލަވަ ކިޔާނެކަން، ފީފާގެ ފަރާތުން އެއްވެސް މީޑިޔާއަކަށް އާއްމުކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ފީފާ ވޯލްޑް ކަޕުގެ އޮފިޝަލް އިންސްޓަގްރަމް އެކައުންޓުގައި މިކަން އާއްމުކޮށްފައިވެއެެ. ފީފާގެ ފަރާތުން، އިންސްޓަގްރަމް ގައި މިކަން ހާމަކޮށްފައިވަނީ، އާއްމުންގެ މީހަކު ކޮށްފައިވާ ކޮމެންޓަކަށް ރިޕްލައި ކުރަމުންނެވެ.

ފުޓުބޯޅަ ސަޕޯޓަރަކު ކޮމެންޓުކޮށްފައިވަނީ ލަވަ ކިޔައިދީފައިވާ ތިން ފަންނާނުން، ވޯލްޑް ކަޕުގެ ތައްޓާއެކު ނަގާފައިވާ ފޮޓޯއަކަށެވެ.

މި ލަވަ ކިޔުންތެރިންގެ ހުށަހެޅުމުގެ އިތުރުންވެސް، އިތުރު ކުލަގަދަ ކަންތައްތަކަކަށް ބެލުންތެރިން ދަނީ އިންތިޒާރު ކުރަމުންނެވެ. ހަމައެހެންމެ، އަލަށް ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި ކްރޮއޭޝިޔާ އަށް އަލަށް ލިބުނު ގިނަ ސަޕޯޓަރުންނާއި، ފްރާންސްގެ ޒަމާންވީ ސަޕޯޓަރުންގެ މެދުގައިވެސް ކަންތައްތައްވަނީ ފެށިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު