"ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން" (ފެޒްގް) ގެ ފަރާތުން ފ.ފީއަލީގައި ބާއްވާ "ފެޒްގް ޕްރެޒިޑެންޓް ކަޕް"ގައި ކުޅޭ "ރޯޔަލްސް" ޓީމުގައި ކުޅުމަށް، އަފްޤާނިސްތާނުގެ ގައުމީ ވޮލީ ބޯޅަ ޓީމުގެ ކުޅުންތެރިޔާ އޮމިދު ހަމަޖެހިއްޖެއެވެ.

ފާއިތުވެދިޔަ އަހަރުގެ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހާސިލްކޮށްފައިވާ އޮމިދު ގެ އަމާޒަކަށްވެފައިވަނީ، ވޭތުވެދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު، މިފަހަރު އޭނާގެ "ރޯޔަލްސް" ޓީމަށް ތަށި ހޯދާފިނުމަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މި އަހަރުގެ މި މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު އީދާއި ދިމާކޮށެވެ. އެގޮތުން އަންނަމަހުގެ 21 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ތާވަލު ކުރެވިގެން ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

"އޮމިދު ރާއްޖެ އައިސް ފުރަތަމަ އަދި އެ ކުޅުނީ ފީއަލީގަ. ދެން ރާއްޖެ ކުޅުންތެރިންނާއިއެކު އޭނާއަށް ކުޅެލަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނަ ބުނަނީ. އަދި ފީއައްޔަށް އައުމުން ޓީމުން ދިން މެހުމާންދާރީއާއި ފެޒްގުން ބެހެއްޓެވި ގާތް ކަމަކީ އޭނާ އިތުރަށް ރާއްޖެ އަނަން ބޭނުންވި ސަބަބެއް ކަމަށްވެސް އޭނަ ބުނެފައިވޭ" ވަގުތަށް މައުލޫމާތު ދެއްވަމުން ފެޒްގުގެ މީޑިއާ އޮފިޝަލް މުހައްމަދު ފަޒީން ވިދާޅުވިއެވެ.

2015 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ އަހަރުގެ ޗެންޕިއަން ޓީމަކީ "ރޯޔަލްސް" ޓީމެވެ. ނަމަވެސް ފާއިތުވެ ދިޔަ ދެ އަހަރު "ބަދަވިން" ޓީމް ޗެންޕިއަންކަން ހޯދައިފައިވުމުން، މިފަހަރު އަނެއްކާވެސް "ރޯޔަލްސް" ޓީމް ކުޅުމަށް ގަސްތުކުރަނީ ވަރަށް ވަރުގަދަ އަޒުމެއްގައެވެ.

ޗެންޕިއަން ޓީމަށް 25000 ރުފިޔާ ކަނޑައެޅިފައިވާ މި މުބާޜާތުގައި އަންހެން އަދި ފިރިހެން ބައިން ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ފަޒީން މައުލޫމާތު ދިނެވެ.

"އިންޓަނޭޝަނަލް ގިނަ ކުޅުންތެރިން މި މުބާރާތުގައި ކުޅުމަކީ މި މުބާރާތް ކުރިއަށް ގެންދަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް" ފެޒްގުގެ ރައީސް އަލްފާޟިލް އަހުމަދު ޒާހިރު ވިދާޅުވިއެވެ.

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ އެ ރަށުގެ ރައްޔިތުންގެ މެދުގައި ކުޅިވަރަށް އޮންނަ ލޯބި އިތުރުކޮށް ކުޅިވަރުގެ ރޮގުން ކުރިއަށް ދިޔުމަށް މަގުފަހިކޮށްދިނުން ކަމުގައި ފެޒްގްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު