އާސެނަލްގެ އާ ކޯޗު އުނާއި އެމެރީ، އެޓީމާއި ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުން 0-8 ގެ ނަތީޖާ އަކުން ބޯރހަމް ވުޑް ބަލިކޮށްފިއެވެ.

އެކުވެރި ކަމުގެ މި މެޗުގައި ބޯރހަމް ވުޑް އާއި ބައްދަލު ކުރި މެޗުގައި 10 މިނެޓު ތެރޭގައި އާސެނަލްގެ ފޯވާޑު އަބުމެޔަންގް ވަނީ ހެޓްރިކެއް ހަދާފައެވެ.

އަބުމެޔަންގްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 7 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ޖެހި މި ޝޮޓު ގޯލުގެ ތެރެއަށް ވަދެގެން ދިޔައިރު އޭނާގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ އޭގެ 2 މިނެޓު ފަހުންނެވެ، ހެޓް ޓްރިކް ފުރިހަމަ ކުރަން އަބުމެޔަންގް ޖެހި 3 ވަނަ ލަނޑު ޖެހީ މެޗުގެ 17 ވަނަ މިނެޓުގައެވެ.

ހަމަ އެހެންމެ މެޗުގެ ފުރަތަމަ ހާފު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ނެލްސަން ވަނީ އާސެނަލްގެ 4 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ފުރަތަމަ ހާފުގައި ފެނިގެން ދިޔަ ފަހު ލަނޑު އިރުކޮޅެއް ފަހުން ފެނިގެން ދިޔައިރު މި ލަނޑު ޖެހީ އެލެކްސެންޑާރ ލަކަޒެޓް އެވެ. ފަހު ހާފު ފެށުމުގެ ކުރިން އުނޭ އެމެރީ ވަނީ އާސެނަލްގެ 11 ކުޅުންތެރިން ވެސް ބަދަލު ކޮށްފައެވެ.

ދެވަނަ ހާފުގައި އާސެނަލް އިން ކާމިޔާބު ކުރި 3 ލަނޑު ޖަހާދީފައިވަނީ އެޑީ އެންކެއިޓާ އާއި ހެންރިކް މިކިޓާރްޔަން އަދި އެޑަލައިޑެވެ.

އުނާއި އެމެރީގެ ފުރަތަމަ މެޗުން ފަސޭހަ މޮޅެއް ލިބުނު އިރު އޭނާ އާސެނަލް އާއި ހަވާލުވީ، 22 އަހަރު ވަންދެން އާސެނަލްގެ ކޯޗަކަށް ހުރި އާސެން ވެންގާ އެޓީމު ދޫކޮށް ދިޔުމުންނެވެ.