ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ ވާދަކުރާ ފްރާންސް ޓީމުގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އަށް، ބްރެޒިލްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ކަކާ ތައުރީފުކޮށްފިއެވެ.

2006 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް ފްރާންސް ގެންގޮސްދިނުމުގައި އުމުރުން 19 އަހަރުގެ އެމްބާޕޭ މުހިއްމު ދައުރެއް އަދާކޮށްފައިވާއިރު މި މުބާރާތުގައި އޭނާ ވަނީ މިހާތަނަށް ކުޅުނު ހަ މެޗުގައި ތިން ގޯލު ކާމިޔާބުކޮށްދީފައެވެ.

މި މުބާރާތުގައި އެމްބާޕާ ދެއްކި ކުޅުމުގެ ސަބަބުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް އޭނާ ލިބުމަކީ ގާތް ކަމެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

މިރޭގެ މެޗުގެކުރިން އެމްބާޕޭ އަށް ތައުރީފު ކުރަމުން 2002 ވަނަ އަހަރު ބްރެޒިލްއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކަކާ ބުނީ އެމްބާޕޭގެ އެންމެ ހާއްސަ ކަމަކީ އޭނާގެ ސްޕީޑު ކަމަށާއި ބައެއް ފަހަރު އެމްބާޕޭގެ ކުޅުން ހުންނަ ގޮތުން އޭނާއަކީ އުމުރުން 35 އަހަރުގެ ކުޅުންތެރިއެކޭ ވެސް ހީވާ ކަމަށެވެ.

"އެމްބާޕޭ އަކީ އަދި 19 އަހަރުގެ ކުޅުންތެރިއެއް. އެކަމަކު ބައެއް ފަހަރު ހީވޭ އޭނާއަކީ 35 އަހަރުގެ ކުޅުންތެރިއެކޭ ވެސް. އެހާ ވެސް އޭނާ ކުޅުން ފުރިހަމަ. ގޭމް ކޮންޓްރޯލިން އާއި އޭނާގެ ނިންމުންތައް ވެސް ވަރަށް ރަނގަޅު" ކަކާ ބުންޏެވެ.

އެމްބާޕޭ އަކީ އުޖާލާ މުސްތަގުބަލެއް އޮތް ކުޅުންތެރިއެއް ކަމަށާއި އުމުރުން 19 އަހަރުގެ ކުޅުންތެރިއަކު ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި މޮޅު ކުޅުމެއް ދައްކަމުންދާތަން ފެނުމަކީ ލިބޭ ހާއްސަ ކަމެއް ކަމަށްވެސް ކަކާ ބުންޏެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް މިރޭ ނިކުންނާނީ ކްރޮއޭޝިޔާއާ ދެކޮޅަށެވެ.

މިރޭގެ މެޗުން މޮޅުވެއްޖެނަމަ މިއީ ފްރާންސް ވޯލްޑް ކަޕް ކާމިޔާބުގެ ޗެމްޕިއަންކަން ހޯދާނެ ދެވަނަ ފަހަރަށް ވާނެއެވެ. ފްރާންސް އިން އެންމެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރީ 1998 ވަނަ އަހަރުއެވެ. އެ މުބާރާތް ކާމިޔާބުކުރި ޓީމުގައި މިހާރު ފްރާންސް ޓީމުގެ ކޯޗު ޑެޝޯމްޕް ވެސް ހިމެނުނެވެ.