އަންނަ ސީޒަނުގައި ވެސް ފެނިގެންދާނީ ޕީއެސްޖީން ކަމަށް، އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފިއެވެ.

އުމުރުން 19 އަހަރުގެ އެމްބާޕޭ މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވީ މޮނާކޯ އިން ލޯނެއްގެ ދަށުންނެވެ. ނަމަވެސް ރެލިގޭޓް ނުވެ ފްރެންޗް ލީގު ނިންމާލައިފިނަމަ އޭނާ 180 މިލިއަން ޔޫރޯ އަށް ގަތުމުގެ ފުރުސަތު ޕީއެސްޖީ އަށް ލިބިދީފައި އޮތްއިރު ރެލިގޭޓް ނުވާނެކަން ކަށަވަރުވި ހިސާބުން (މިދިޔަ ފެބްރުއަރީ މަހު) އެ ކްލަބުން ވަނީ އެމްބާޕޭ ގަތުމުގެ ހުރިހާ ކަމެއް ނިންމާލާފައެވެ.

އެމްބާޕޭ ޕީއެސްޖީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާ އަކީ އެ ކްލަބުގައި ދެވަނަ އަށް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއެވެ. ޕީއެސްޖީގައި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔަކީ ބްރެޒިލްގެ ތަރި ނޭމާއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލުމުން އޭނާ ނެތްތަން ފޫބައްދަން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ގެނައުމަށް ރެއާލް އިން ޝައުގުވެރިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އެމްބާޕޭ ބުނީ ޕީއެސްޖީގައި އޭނާ ހުރީ އުފަލުން ކަމަށާއި އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ވަރަށް ގިނަ ދުވަސް އެބައޮތް ކަމަށެވެ.

"ޕީއެސްޖީގައި އަހަރެން މަޑުކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން" ފްރާންސް އާއެކު ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު އެމްބާޕޭ ބުންޏެވެ.

ޕީއެސްޖީ އާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އެމްބާޕޭ ވަނީ ފްރެންޗް ލީގުގައި އެ ކްލަބަށް 28 މެޗު ކުޅެދީ 13 ގޯލު ކާމިޔާބުކޮށް ހަތް އެސިސްޓް ހަދާފައެވެ.

އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީ އާއެކު ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަރ ކަޕް ކާމިޔާބުކޮށްފައެވެ.