ރޭ ރަޝިޔާގައި ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފްރާންސް އިން ކާމިޔާބު ކުރުމުން އެކަން އެގައުމުގެ އެކި ހިސާބުތަކުގައި ފޯރިއާއެކު ފާހަގަކުރަން ފަށައިފިއެވެ.

ވޯލްޑް ކަޕް ފްރާންސް އިން ކާމިޔާބުކުރީ ފައިނަލްގައި ރޭ ކްރޮއޭޝިއާގެ މައްޗަށް 2-4 އިން ކުރި ހޯދައިގެންނެވެ.

ފްރާންސްގައި ކާމިޔާބީ ފާހަގަ ކުރުން
ފްރާންސްގައި ކާމިޔާބީ ފާހަގަ ކުރުން

ރޭގެ މެޗު ނިމުމާއެކު ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ ތާރީހީ މައިދާނެއް ކަމަށްވާ "ޗެމްޕްސް އެލީސީސް" އަށް ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ވަނީ ޖަމާވެ އުފާފާޅުކުރުންތައް ކުރިއަށް ގެންގޮސްފައެވެ. އުފާފާޅުކުރުންތައް ކުރިއަށް ގެންދިޔަ މީހުން އުފަލުން ރޮމުންދިޔައިރު އެ ފަރާތްތަކުން ދިޔައީ މި ކާމިޔާބީ ހޯދި ފްރާންސްގެ ޒުވާން ޓީމަށް ތައުރީފުގެ ބަސްތައް ރައްދު ކުރަމުންނެވެ.

"ޗެމްޕްސް އެލީސީސް" ގެ އިތުރުން މަޝްހޫރު އެއިފިލް ޓަވަރުގެ ތިރީގައި މެޗު ބެލޭނެގޮތަށް ހަދާފައިވާ ފޭން ޒޯނަކަށް 90،000 މީހުން ޖަމާވިއިރު މެޗަށްފަހު އެ ފަރާތްތަކުން ވެސް ވަނީ އުފާފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މި ކާމިޔާބީ އާއެކު އެއިފިލް ޓަވަރު ރޭ ހުރީ ފްރާންސްގެ ދިދައިގައިވާ ކުލަތަކުން ދިއްލާލާފައެވެ.

ފްރާންސްގައި ކާމިޔާބީ ފާހަގަ ކުރުން
ފްރާންސްގައި ކާމިޔާބީ ފާހަގަ ކުރުން

މީގެއިތުރުން ފްރާންސްގެ ބޮޑެތި ސިޓީތައް ކަމަށްވާ ލިޔޯން އާއި މާސޭ އަދި ލިލްގައި ވެސް އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ވަނީ ހިނގާފައެވެ. ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ މާސްކު އަޅައިގެން ތިބި ބަޔަކު ފިހާރަތަކަށް ގެއްލުންދޭން ފެށުމުން އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރި ވަގުތުއެވެ. އެގޮތުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ކަރުނަގޭސް ވެސް ޖަހާފައެވެ.

ފްރާންސްގެ ކުޅުންތެރިން އެނބުރި ގައުމަށް އައުމަށްފަހު ބޮޑު ޕެރޭޑެއް އަންނަ ހަފްތާގެ ކުރީކޮޅު ބޭއްވުމަށް ނިންމާފައިވާއިރު މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް މިހާރު ވެސް ވަނީ ބެލެވިފައެވެ.

ފްރާންސްގައި ކާމިޔާބީ ފާހަގަ ކުރުން
ފްރާންސްގައި ކާމިޔާބީ ފާހަގަ ކުރުން

ވޯލްޑް ކަޕް ފްރާންސް އިން ކާމިޔާބުކުރިއިރު މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް އެޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.