ރެއާލް މެޑްރިޑް ދޫކޮށްލަން ޖެހުމުން އެކަމާ ދެރަނުވާ ކަމަށް އެ ކްލަބަށް ކުރިން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރެއާލްގައި ނުވަ އަހަރު ހޭދަކުރުމަށްފަހު އުމުރުން 33 އަހަރުގެ ރޮނާލްޑޯ މި މަހުގެ 10 ވަނަ ދުވަހު ވަނީ 99.2 މިލިއަން ޕައުންޑުގެ އަގަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފައެވެ.

ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ރެއާލް ދޫކޮށްލަން ޖެހުމުން އެކަމާ ދެރަނުވާ ކަމަށާއި ޔުވެންޓަސް ފަދަ ބޮޑު ކްލަބަކަށް ބަދަލުވީ އާ ޗެލެންޖެއް ތަޖުރިބާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"އާއްމުކޮށް އަހަރެން މި ހުރި އުމުރުގައި ކުޅުންތެރިން ބަދަލުވާނީ ގަތަރު ނޫނީ ޗައިނާ އަށް. އަހަރެންގެ ކެރިއަރުގެ މިހާ ހިސާބުގައި ޔުވެންޓަސް އަށް އާދެވުމުން އެކަމާ އުފާކުރަން. މި ފުރުސަތު އަހަންނަށް ދިނީތީ މި ކްލަބަށް ޝުކުރު އަދާކުރަން" ރޮނާލްޑޯ ބުންޏެވެ.

ޔުވެންޓަސް އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ކްލަބު ކަމަށާއި އެ ކްލަބަށް ބަދަލުވާން ނިންމީ ވަރަށް ވިސްނުމަށްފަހު ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ. އަދި ޔުވެންޓަސްގެ ބޮޑު މިނަށާއި އެ ކްލަބުގައި ތިބި ކުޅުންތެރިން އަދި ކޯޗަށް ބަލާއިރު އެ ކްލަބަށް ބަދަލުވާން ނިންމި ނިންމުމަކީ ވަރަށް ފަސޭހަ ނިންމުމެއް ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަންނަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ މީހެއް. އަހަންނަށް ވެސް އިނގޭ އިޓާލިއަން ލީގަކީ އުނދަގޫ ލީގެއްކަން. އަހަރެންގެ ކެރިއަރުގައި މީގެކުރިން ވެސް ކުރިމަތިވެފައި ހުރީ އުނދަގޫ ޗެލެންޖުތަކެއް. ލިބިފައިވާ ކާމިޔާބީތަކަށް ބަލަހައްޓައިގެން ހުންނަން ބޭނުންވާ މީހެއް އަހަންނަކީ. ބޭނުންވަނީ ބުރަކޮށް މަސައްކަތްކޮށް އިތުރު ކާމިޔާބީތައް ހޯދަން. އަހަންނަށް ޔަގީން މި ކްލަބާއެކު ހުރިހާ ކަމެއް ވެސް ދާނީ ވަރަށް ކާމިޔާބު ކަމާއެކު. ވީހާވެސް ރަނގަޅަށް ކަންތައްތައް ކުރުމަށް އަހަރެން މަސައްކަތް ކުރާނަން" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ޔުވެންޓަސް އަށް ގެނެސްފައިވަނީ ޗެމްޕިއަންސް ލީގު ހޯދުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު އެކަމާ ގުޅޭގޮތުން ރޮނާލްޑޯ ބުނީ ޗެމްޕިއަންސް ލީގަކީ ކޮންމެ ކްލަބަކުން ވެސް ކާމިޔާބުކުރަން ބޭނުންވާނެ މުބާރާތެއް ކަމަށާއި ޔުވެންޓަސް އަށް އެ މުބާރާތް ކާމިޔާބުކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި އެހީތެރިވެވޭނެ ކަމަށް އުއްމީދުކުރަން. ޔުވެންޓަސްގެ ނަސީބުގަދަ ތަރިއަކަށް އަހަރެން ވާނެ ކަމަށް އުއްމީދުކުރަން. ޗެމްޕިއަންސް ލީގުގެ އިތުރުން އެހެން ތަށިތަކަށް އަހަރުމެން ވާދަކުރާނަން" ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ބުންޏެވެ.

2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ރެއާލް އަށް ބަދަލުވި ރޮނާލްޑޯ އަކީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލް އަށް ކުޅެދިން 438 މެޗުގައި 451 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޮނާލްޑޯ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ރެއާލުން ދިނީ 21 މިލިއަން. މިހާރު ލިބޭނެ 30 މިލިއަން އަހަރަކު. އެއީ މެސީއާ އެއްވަރު ޢަދަދެއް! ވީމާ ދެރަވާކަށްވެސް ނުވާނެ. ސުވާލަކީ އެއްކަލަ އެވާޑްތައް ދެން ދާނީ ކޮން ދިމާކަށް ބާވައޭ!