ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ގެނައުމަށް ޗެލްސީން މަސައްކަތް ފަށައިފިއެވެ.

ޔުވެންޓަސް އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުވުމުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބޮޑު އަގެއްގައި ހިގުއައިން ވިއްކާލުމަށް ޔުވެންޓަސް އިން ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 30 އަހަރުގެ ހިގުއައިން ގެނައުމަށް ޗެލްސީން ޝައުގުވެރިވާއިރު އޭނާ ގެނައުމަށް އެ ކްލަބުން މަސައްކަތް ކުރަނީ ގާތްގަނޑަކަށް 53 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މާދަމާގެ ވަގުތެއްގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހިގުއައިންގެ އެޖެންޓާއި ޗެލްސީން ބައްދަލުކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހިގުއައިން ގެނައުމަށް ޗެލްސީގެ އިތުރުން އޭސީ މިލާނުން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިގުއައިން ގެނައުމަށް ޗެލްސީން މަސައްކަތް ކުރަމުން އަންނައިރު، ޗެލްސީގެ މިހާރު ކޯޗު މައުރީޒިއޯ ސާރީ އާއެކު ހިގުއައިން މީގެކުރިން ވަނީ ނަޕޯލީގައި މަސައްކަތް ކޮށްފައެވެ. އެގޮތުން ހިގުއައިންގެ އެންމެ މޮޅު ކުޅުން ފެނިގެން ގޮސްފައިވަނީ ވެސް ސާރީއާއެކު މަސައްކަތް ކުރިއިރުކަން ފާހަގަކޮށްލެވެއެވެ.

ހިގުއައިންގެ އިތުރުން ޗެލްސީން އަންނަނީ ޔުވެންޓަސްގެ ޒުވާން ޑިފެންޑަރު ރުގާނީ ގެނައުމަށް ވެސް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ރުގާނީ އަކީ މީގެކުރިން އެމްޕޮލީގެ ކޯޗަކަށް ސާރީ ހުރިއިރު އޭނާއާއެކު މަސައްކަތްކުރި ކުޅުންތެރިއެކެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޗެލްސީން މިހާތަނަށް ވަނީ ނަޕޯލީ އަށް ކުޅެމުން އައި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ގެނެސްފައެވެ. އޭނާ އެ ކްލަބަށް ބަދަލުވީ 57.4 މިލިއަން ޕައުންޑުގެ އަގަކަށެވެ.