ވޯލްޑް ކަޕްގެ ތަށްޓާއެކު އެނބުރި ގައުމަށް ދިއުމުން ފްރާންސް ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެރޭ ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗު ފްރާންސް އިން ކާމިޔާބުކުރީ ކްރޮއޭޝިޔާއާ ބައްދަލުކޮށް 2-4 އިންނެވެ.

ފްރާންސްގެ ކުޅުންތެރިން ތަށްޓާއެކު ފްލައިޓުން ފޭބުން

ތަށްޓާއެކު އެނބުރި ގައުމަށް ދިޔުމުން ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ. އަދި ތަށްޓާއެކު ޓީމަށް ހާއްސަ ކޮށްފައިވާ ވެހިކަލެއްގައި ކުޅުންތެރިން ވަނީ ފްރާންސްގެ އެކި މަގުތަކުގައި ހާއްސަ ޕެރޭޑެއް ވެސް ބާއްވާފައެވެ. މި ޕެރޭޑް ބަލާލުމަށް އެތައް މިލިއަން ބަޔަކު މަގުތަކުގައި ތިބިކަން ފާހަގަކޮށްލެވެއެވެ.

ފްރާންސް ކުޅުންތެރިން ބޭއްވި ޕެރޭޑްގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މީގެއިތުރުން ތަށްޓާއެކު ފްރާންސްގެ ކުޅުންތެރިން ވަނީ އެގައުމުގެ ރައީސް އެމެނުއެލް މެކްރޮންގެ ރިޔާސީ ގަނޑުވަރަށް ވަޑައިގެން އޭނާއާ ވެސް ބައްދަލުކޮށްފައެވެ. ފްރާންސްގެ ރައީސްއާ ބައްދަލުކުރިއިރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް ވެސް ފްރާންސްގެ އެންމެ މަތީ ޝަރަފު ދިނުމަށް މެކްރޮން ވަނީ ނިންމަވާފައެވެ.

ފްރާންސް ކުޅުންތެރިން ބޭއްވި ޕެރޭޑްގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ކުޅުންތެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަމުން މެކްރޮން ވަނީ ގައުމު ފަހުރުވެރިކޮށްދިން ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ފްރާންސް ކުޅުންތެރިން އެގައުމުގެ ރައީސް އާއެކު - ފޮޓޯ: އޭއެފްޕީ

"ތި ކުޅުންތެރިން އައިސްފައި ތިތިބީ ކޮން ތަނަކުންކަން ހަނދާން ނައްތާ ނުލާތީ. އަދި ތި ކުޅުންތެރިންނަށް ތަމްރީނުތައް ދިން ފްރާންސްގެ ކްލަބުތައް މަތިން ވެސް ހަނދާން ނައްތާނުލާތި" މެކްރޮން ވިދާޅުވިއެވެ.

ފްރާންސް ކުޅުންތެރިން ބޭއްވި ޕެރޭޑްގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ކުޅުންތެރިންނަށް މެކްރޮން ޝުކުރު އަދާކުރިއިރު ފައިނަލް މެޗު ބައްލަވާލެއްވުމަށް ރަޝިޔާ އަށް ވެސް އޭނާ ވަޑައިގެންނެވިއެވެ.

ވޯލްޑް ކަޕް ފްރާންސް އިން ކާމިޔާބުކުރިއިރު މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް އެޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.