ފްރާންސް އަދި ބާސެލޯނާގެ ކުރީގެ ޑިފެންޑަރ އެރިކް އަބިޑަލް ގާނޫނާއި ހިލާފަށް ފުރަމޭ ބަދަލުކޮށްފައިވާކަމަށް ތުހުމަތުކޮށް، އެ މައްސަލަ ސްޕެއިންގެ ނޭޝަނަލް ޓްރާންސްޕްލާންޑް އޯގައިޒޭޝަން ( އޯއެންޓީ) އިން ދިރާސާކުރުމަށް ފަހު، އަބިޑަލްގެ ފުރަމޭ ބަދަލުކޮށްފައިވަނީ ގާނޫނާއި ގަވައިދުތަކުގެ މަތީން ކަމަށް ނިންމައިފިއެވެ.

އޯއެންޓީގެ ރިޕޯޓްގައިވާ ގޮތުން ހޮސްޕިޓަލުގެ ރިޕޯޓްތަކާއި މެޑިކަލް ޓެސްޓުތަކުން ހާމަވާގޮތުގައި އަބިޑަލްވަނީ ފުރަމޭ ބަދަލު ކުރުމަށް ކެތެލޯނިއާގައި ހުންނަ ކްލިނިކަލް ހޮސްޕިޓަލެއްގައި އެޑްމިޓްވެފައެވެ. އަބިޑަލްއަށް ފުރަމޭ ހަދިޔާ ކުރީ އޭނާގެ ތިމާގެ މީހެއް ކަމަށްވާ ޖެރާޑްކަމަށްވެސް ރިޕޯޓުގައިވެއެވެ.

އަބިޑަލްގެ ފުރަމޭގެ މައްސަލަ އޯއެންޓީއިން ތަހުޤީގުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައި އަބިޑަލް ފުރަމޭގެ ބައްޔެއް ޖެހި ފުރަމޭ ބަދަލު ކުރަން ޖެހުމުން ބާސެލޯނާގެ ކުރީގެ ރައީސް ސަންޑްރޯ ރޯސެލް ސްޕެއިންގެ ގާނޫނުތަކާއި ހިލާފަށް ފުރަމެއެއް އަބިޑަލްއަށް ހޯދައިދީފައިވާކަމުގެ ތުހުމަތުގައެވެ.

ސްޕެއިންގެ ގަވައިދުތަކާ ހިލާފަށް އަބިޑަލްއަށް ފުރަމޭ ގަނެދިން ކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރުގެ ތެރޭގައި ބާސެލޯނާގެ ކުރީގެ ރައީސް ސަންޑްރޯ ހައްޔަރުކުރެވިފައިވާއިރު އެއީ ވަރަށް ބޭއިންސާފުން ކޮށްފައިވާ ކަމެއް ކަމުގައި އަބިޑަލް ވަނީ ބުނެފައެވެ.

މި މައްސަލަ 2012 ވަނަ އަހަރު ސްޕެއިންގެ ފުލުހުން ތަހުޤީގުކުރަން ފަށާފައިވާއިރު އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ނުލުބުމުގެ ސަބަބުން އެ މައްސަލަވަނީ ބާސެލޯނާގެ އިންވެސްޓިގޭޝަން ކޯޓު 28 އަށް ފޮނުވާފައެވެ. ނަމަވެސް ބާސެލޯނާގެ ކޯޓުން ވެސް އެ މައްސަލަ މަޑު ޖައްސައިލައިފައިވަނީ އެކަށީގެންވާ ވަރަށް ހެކި ނެތުމުންނެވެ.

އުމުރުން 38 އަހަރުގެ އަބިޑަލް އަކީ މީގެ ކުރިން ބާސެލޯނާގެ ކެޕްޓަންކަން ވެސް ކުރި ހުނަރުވެރި ޑިފެންޑަރެކެވެ.