ރެކޯޑު އަގަކަށް ރޯމާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ގެނައުމަށް، އެ ކްލަބާއެކު ލިވަޕޫލް އިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 25 އަހަރުގެ އެލިސަން ގެނައުމަށް ލިވަޕޫލް އިން އެންމެފަހުން ހުށަހެޅި 66.8 މިލިއަން ޕައުންޑުގެ ބިޑު ރޯމާ އިން މިހާރު ވަނީ ބަލައިގެންފައެވެ. އަދި މި ޓްރާންސްފާ ފުރިހަމަ ކުރުމަށް އެލިސަންއާ ވާހަކަދެއްކުމުގެ ހުއްދަ ރޯމާ އިން ލިވަޕޫލް އަށް މިހާރު ދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެލިސަން ގެނައުމަށް ލިވަޕޫލް އިން ހުށަހަޅާފައިވާ އަގަކީ ކީޕަރަކަށް މިހާތަނަށް ކްލަބަކުން ހުށަހެޅި އެންމެ ބޮޑު އަގުކަން ފާހަގަކޮށްލެވެއެވެ.

ލިވަޕޫލްގެ އިތުރުން އެލިސަން ގެނައުމަށް ޗެލްސީން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެލިސަން ގެނައުމަށް ޗެލްސީން އަދި ބިޑެއް ހުށަހަޅާފައެއް ނުވެއެވެ.

ޗެލްސީން އެލިސަން ގެނައުމަށް ޝައުގުވެރިވާއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެ ކްލަބުގެ އެއް ނަމްބަރު ގޯލްކީޕަރު ތިބޯ ކޯޓުއާ ޗެލްސީ ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފައެވެ. ޗެލްސީ ދޫކޮށްލުމަށްފަހު ކޯޓުއާ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރެއާލް މެޑްރިޑަށެވެ.

މިދިޔަ ސީޒަނުގައި ރޯމާގައި މޮޅު ކުޅުމެއް އެލިސަން ދެއްކިއިރު މިފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ބްރެޒިލްގެ ޓީމުގެ އެއް ނަމްބަރު ކީޕަރަކީ ވެސް އެލިސަންއެވެ.

އެލިސަންގެ އިތުރުން މި ސީޒަނުގައި ލިވަޕޫލް އިން ވަނީ ސްޓޯކް ސިޓީ އަށް ކުޅެމުން އައި ޝަގީރީ އާއި މޮނާކޯ އަށް ކުޅެމުން އައި ފަބީނިއޯ ވެސް އެ ކްލަބަށް ގެންގޮސްފައެވެ.