ޗެލްސީގައި އެޑެން ހަޒާޑް މަޑުކުރުވަން ބޭނުންވާ ކަމަށް އެ ކްލަބުގެ އާ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އޮތްއިރު އެ ކްލަބުން އަންނަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ހަޒާޑް ގެންނަން ސްޕެއިންގެ ރެއާލް މެޑްރިޑުން ޝައުގުވެރިވާއިރު ދާދިފަހުން ހަޒާޑް ވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޗެލްސީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ.

ހަޒާޑްގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދިފައިވާއިރު ޗެލްސީގެ ކޯޗު ސާރީ ބުނީ ހަޒާޑް އަކީ ވަރަށް މަތީ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި ޔޫރަޕްގައި މިވަގުތު ތިބި އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހަޒާޑް ހިމެނޭ ކަމަށެވެ. އަދި ކޮންމެ ކޯޗަކު ވެސް ކްލަބުގައި ތިބޭ މުހިއްމު ކުޅުންތެރިން މަޑުކުރުން ބޭނުންވާނެ ކަމަށްވެސް ސާރީ ބުންޏެވެ.

"އަހަރެންގެ އުއްމީދަކީ ހަޒާޑް އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބި އޭނާ އަށް އިތުރު ކުރިއެރުންތައް ހޯދައިދިނުން. ހަޒާޑް މިހާރު އެހުރި ލެވެލް އަށް ބަލާއިރު އޭނާ އަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމަކީ ވެސް ކުރަން އުނދަގޫ ކަމަކަށްވާނެ" ސާރީ ބުންޏެވެ.

ކުރިމަގާ މެދު ގޮތެއް ނުނިންމާ ތިބި ކުޅުންތެރިންނާއި ފޯނުން ވާހަކަދައްކަން ބޭނުން ނުވާ ކަމަށާއި އެ ކުޅުންތެރިންނާއި ވާހަކަދައްކަން ބޭނުންވަނީ ސީދާ ބައްދަލުކުރުމަށްފަހު ކަމަށްވެސް ސާރީ ބުންޏެވެ.

"އަހަރެން ބޭނުން އެ ކުޅުންތެރިންނާއި ސީދާ ބައްދަލުކޮށް، އެންމެންނަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކާއި މެދު ވާހަކަދައްކާލަން. އޭގެކުރިން އަހަރެން ބޭނުން އެ ކުޅުންތެރިން އަހަންނާ އެކު ފަސް ވަރަކަށް ދުވަހަށް ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެލަން" ސާރީ ބުންޏެވެ.

ރެއާލް އަށް ކުޅުމުގެ ޝައުގުވެރިކަން މީގެކުރިން ވެސް ހަޒާޑް ފާޅުކޮށްފައިވާއިރު ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗަށްފަހު ބެލްޖިއަމް އަށް އުފަން ހަޒާޑް ވަނީ ޗެލްސީގައި ހަ އަހަރު ހޭދަކުރުމަށްފަހު ފަހަރެއްގައި މިއީ އާ ކަމެއް ތަޖުރިބާކޮށްލަންވީ ވަގުތު ކަމަށް ބުނެފައެވެ.

"ޗެލްސީގައި މަޑުކުރާނީތޯ ނުވަތަ އެހެން ކްލަބަކަށް ދާނީތޯ އަހަންނަށް ނިންމިދާނެ. އެކަމަކު އެންމެފަހުގެ ނިންމުން ނިންމާނީ ޗެލްސީން. އަހަރެން ފޮނުވާލަން ނިންމައިފިނަމަ އެންމެންނަށް ވެސް އިނގޭނެ އަހަރެން ދެން ދާނީ ކޮން ކްލަބަކަށް ކަން" ހަޒާޑް ބުންޏެވެ.

2012 ވަނަ އަހަރު 32 މިލިއަން ޕައުންޑުގެ އަގަކަށް ފްރާންސްގެ ލިލް އިން ޗެލްސީއަށް ބަދަލުވީ ހަޒާޑް ވަނީ އެ ކްލަބާއެކު މިހާތަނަށް ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕެއްގެ އިތުރުން ޔޫރޮޕާ ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.