އާޖެންޓީނާގެ ފުރާނައަކީ އެގައުމުގެ ކެޕްޓަން ލިއޮނަލް މެސީކަމަށް އެގައުމުގެ ފޯވާޑް ކާލޯސް ޓެވޭޒް ބުނެފިއެެވެ.

ވޯލްޑްކަޕްގެ ނާކާމިޔާބީއަށް ފަހު އެގައުމުގެ ކޯޗު ޖޮޖް ސަމްޕައޯލީ ކޯޗުކަމުގެ މަގާމުން ދުރުކޮށްފައިރު މެސީވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމުގެ އަޑުތަށް ވަނީ ފެތުރިފައެވެ. ނަމަވެސް މެސީ އާޖެންޓީނާ ދޫކޮށް ނުލުމަށާއި އާޖެންޓީނާގެ ފުރާނައަކީ މެސީކަމުގައި ދާދި ފަހުން ޓެވޭޒް ވަނީ ބުނެފައެވެ.

އީއެސްޕީއެންއަށް ދިން އިންޓަވިޔުއެއްްގައި ޓެވޭޒް ބުނީ މެސީ އޭނާގެ އަމިއްލަ ނަފްސާއި މެދުގައި ވިސްނަން ޖެހޭ ކަމަށާއި މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅޭހާ ދުވަހަކު ވޯލްޑްކަޕް ކާމިޔާބު ކުރުމުގެ އުންމީދު އެބައޮތް ކަމަށެވެ.

"ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަހަރެން ބުނަން އޮތީ އާޖެންޓީނާއަށް މެސީ އަދި ބޭނުމޭ. އާޖެންޓީނާއިން މެސީ ބޭނުންވަނީ މެސީއަކީ ގައުމުގެ ފުރާނަކަމުގައި ވީމަ. މެސީ ގައުމީ ޓީމަށް ކުޅޭހާ ދުވަހަކު އުންމީދު އެބައޮތް ވޯލްޑްކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު. މެސީ އަކީ އާޖެންޓީނާގެ އެންމެ މަގުބޫލު ސަހުސިއްޔަތު. އެހެންކަމުން އަހަރެން އެދެން މެސީގެ ކިބައިން ޒިންމާ ނެގުމަށް" ޓެވޭޒް ބުނެފައިވެއެވެ.

މެސީއަށް އެހީތެރިނުވެ އާޖެންޓީނާގެ ކުޅުންތެރިން ވަރަށް ގިނަ ވަގުތު ހޭދަކޮށްފި ކަމަށާއި މެސީގެ އަމާޒަށް ވާސިލް ވުމަށް އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން އެދެވޭ އެއްްބާރުލުމެއް ނުލިބޭ ކަމަށް ޓެވޭޒް ބުންޏެވެ. މެސީއަށް އެކަށީގެންވާ އެއްބާރުލުން ނުދެވުމަކީ އާޖެންޓީނާއަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމުގައި ވެސް ޓެވޭޒް ބުނެފައިވެއެވެ.

އާޖެންޓީނާގެ ގައުމީ ޓީމުން ރިޓަޔާނުވުމަށް ޓެވޭޒް، މެސީގެ ކިބައިން އެދިފައިވާއިރު މީގެ ކުރިން މެސީ ބުނީ ވޯލްޑްކަޕެއް ކާމިޔާބު ނުކޮށް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ބޭނުން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ފުރާނަޔަށް އާޖެންޓީނާއަށް ހާދަ ކަމެއް ނުކޮށްދެވެއެވެ.

  2. މެސީ

    އޭ...މެސީ އަށް ކޮއްދެވެން އޮތް ވަރަކުން މެސީ މަސައްކަތް ކުރި އާޖެންޓީނާ މޮޅުކުރަން......ފުރާނަ އަކަސް އެމީހަކަށް ވީވަރަކުން ދޯ ކޮންމެ ކަމެއްވެސް ކުރެވޭނީ..?????