މިއަހަރު ރަޝިޔާގައި ކުރިޔަށް ދިޔަ ފީފާ ވޯލްޑް ކަޕުގައި ކްރޮއޭޝިޔާ އިން ދެއްކި މޮޅު ކުޅުމާއި އެޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗުގެ ޖާދޫތައް ފެނި ޕެރޫ އަށް އުފަން ކުއްޖަކަށް މޮޑްރިޗްގެ ނަމުން ނަން ދީފިއެވެ.

މިހާރު ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރު ކަމަށް ހުރިހާ އެންމެން ވެސް ގަބޫލު ކުރާ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް ވަނީ ކްރޮއޭޝިޔާގެ ތާރީޚްގައި ވެސް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕު ފައިނަލާއި ހަމަ އަށް އެޓީމު ގެންގޮސްދީފައެވެ.

މުޅި މުބާރާތް ތެރޭގައި ވެސް އޭނާ އަށް ގިނަ ބަޔަކު ދިޔައީ ތައުރީފު ކުރަމުންނެވެ. ފައިނަލް މެޗުން ބަލިވި ކަމުގައި ވީނަމަވެސް ދުނިޔޭގެ ފުޓުބޯޅަ ބަލާ ހުރިހާ ބައެއްގެ ހިތުގެ ތެރޭގައި މޮޑްރިޗަށް ހާއްސަ ލޯއްބެއް އޮތެވެ. އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ލިބޭ ރަން ބޯޅަ ހޯދާފައެވެ.

ޕެރޫގެ ގިނަ ސަޕޯޓަރުންނަކީ ކްރޮއޭޝިޔާ އަށް ސަޕޯޓު ކުރި މީހުން ކަމަށް ވީއިރު ޕެރޫގެ ކަޖަމަރްކާ ސިޓީ އަށް ނިސްބަތްވާ ސަޕޯޓަރަކު އޭނާގެ ދަރިފުޅަށް ނަން ދީފައިވަނީ ރިއަލް މެޑްރިޑުގެ މެދުތެރެއަށް ކުޅޭ ލޫކާ މޮޑްރިޗްގެ ނަމުންނެވެ، މިކުއްޖާ ދުނިޔެ އަށް އުފަންވީ ކްރޮއޭޝިޔާ އާއި އިންގްލޭންޑު ކުޅުނު ސެމީ ފައިނަލް މެޗު އޮތް ދުވަހުގެ ހެނދުނުއެވެ.

މިކަމުންވެސް ދައްކުވައިދެނީ މޮޑްރިޗް އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމާއި އޭނާ އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކުޅުންތެރިއެއް ކަމެވެ.