އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ބުފޮން އަށްފަހު ކުރިން އޭނާ އާއި އެކު އިޓަލީ އަށް ކުޅުނު ލިއޮނާޑޯ ބޮނުކީ ގެނައުމަށް މަސައްކަތް ޕީއެސްޖީ އިން ފަށައިފިއެވެ.

ޔުވެންޓަސް ދޫކޮށް ޕީއެސްޖީ އަށް 40 އަހަރުގެ ބުފޮން ބަދަލުވީ އެއްވެސް ގޮތަކަށް މަޑު ޖެހުމެއް ނެތި ކުޅުމާއިގެން ކުރިޔަށް ދާން ކަމަށް ވެއެވެ. އޭނާ ޕީއެސްޖީ އާއި އެކު ހަދާފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސް ވުމެކެވެ.

ބުފޮން ޕީއެސްޖީ އާއި އެކު ހެދި އެއްބަސް ވުމުގައި، އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އިތުރު ކުރެވޭނެއެވެ. އިތުރު 12 މަހަށް އޭނާގެ އެއްބަސްވުން ދިގު ކޮށްފި ނަމަ އޭނާ އަށް 42 އަހަރު ވަންދެން ކުޅޭނީ ޕީއެސްޖީ އަށެވެ،

މީގެ އިތުރުން ޕީއެސްޖީގެ ކުރީގެ ކޯޗު އުނޭ އެމެރީ އާސެނަލް އާއި ހަވާލު ވުމުގެ ސަބަބުން ޕީއެސްޖީ އަށް އައި ތޯމަސް ޓުޗެލް ފުރަތަމަ އެ ކްލަބަށް ގެނައި ކުޅުންތެރިއަކީ ޖިއަންލުއީޖީ ބުފޮން އެވެ. އިޓަލީގެ އިތުރު ކުޅުންތެރިންނާއި އެކު ޓުޗެލްގެ ޓީމު ވަރުގަދަ ކުރަން ވިސްނަމުން ގެންދާއިރު އެންމެ ރަނގަޅު ޑީފެންޑަރެއްގެ ގޮތުގައި ޓުޗެލް އަށް ފެނުނީ ބޮނުކީއެވެ.

މިދިޔަ ސީޒަނުގައި ބޮނުކީ ވަނީ އިޓަލީގެ ބޮޑު ޓީމު ޔުވެންޓަސް އިން އޭސީ މިލާނަށް ބަދަލު ވެފައެވެ. އޭނާ އޭސީ މިލާނަށް ބަދަލުވުމާއި އެކު ޓީމުގެ ކެޕްޓަން ކަން އޭނާ އާއި ވަނީ ހަވާލު ކޮށްފައެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި އޭނާ ކުޅުނު އެންމެ ސީޒަނަކަށް ފަހު އޭސީ މިލާނުން ވަނީ ބޮނުކީ ދޫކޮށްލަން ތައްޔާރު ވެފައެވެ.

ބޮނުކީ ގެންނަން ޓީމު ތަކުން ވިސްނަމުން ދާއިރު އެންމެ ކުރީގައި ވަނީ ޕީއެސްޖީއެވެ. ތިއާގޯ ސިލްވާ، މާކީނިއޯސް އަދި ކިމްޕެމްބޭގެ އިތުރުން ބޮނުކީ، ޕީއެސްޖީގެ ޑިފެންސް ލައިނަށް އަރައިފި ނަމަ އެޓީމު ވަރަށް ވަރުގަދަ ވާނެ ކަމާއި މެދު ޝައްކެއް ނެތެވެ.