ޗެލްސީގެ ތަރި އެޑެން ހަޒާޑް 190 މިލިއަން ޕައުންޑަށް ރެއާލްއަށް ގެންދިޔުމަށް ރެއާލް މެޑްރިޑާއި ޗެލްސީއާއި ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އެގޮތުން ލެ 10 ސްޕޯޓްސްއިން ބުނި ގޮތުގައި 190 މިލިއަން ޕައުންޑަށް ހަޒާޑް ރެއާލްއަށް ގެންދިޔުމަށް މިހާރު ވަނީ ދެ ކުލަބުގެ ދެމެދުގައި އެއްބަސްވެވިފައެވެ.

ވޯލްޑްކަޕްގައި ބެލްޖިއަމްއާއި އެކު ދެއްކި މޮޅު ކުޅު މުގެ ސަބަބުން ރެއާލްގެ ލޮލުގައި ހަޒާޑް އަޅައިގަނެފައިވާއިރު ހަޒާޑް އާއި އެކު ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ވެސް ރެއާލްއަށް ގެންނަން ވަނީ މަސައްކަތްކޮށްފައެވެ.

ދާދި ފަހުން ރެއާލް ދޫކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓްސް އާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށް ރެއާލްއިން މަސައްކަތް ފަށާފައިވާއިރު މިދިޔަ ސީޒަންގައި ސްޕެއިންގެ ބާސެލޯނާ ދޫކޮށް ރެކޯޑް އަގަކަށް ފްރާންސްގެ ޕީއެސްޖީއާއި ގުޅުނު ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ ޖޫނިއާ ހޯދަންވެސް ރެއާލް އިން ވަނީ މީގެ ކުރިން މަސައްކަތް ކޮށްފައެވެ.

ރެއާލްއަށް ހަޒާޑް ގެނެވުމަށް ދެ ކުލަބުގެ މެދުގައި އެއްބަސްވެވިފައިވާއިރު ހަޒާޑް އަކީ ޗެލްސީ 300 މެޗު ކުޅެދީ 89 ގޯލު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިއެވެ.

ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އޮތްއިރު ޗެލްސީ ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ހަޒާޑްވަނީ މީގެ ކުރިން ކޮށްފައެވެ.

އެގޮތުން ރެއާލް އަށް ކުޅުމުގެ ޝައުގުވެރިކަން މީގެކުރިން ވެސް ހަޒާޑް ފާޅުކޮށްފައިވާއިރު ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗަށްފަހު ބެލްޖިއަމް އަށް އުފަން ހަޒާޑް ވަނީ ޗެލްސީގައި ހަ އަހަރު ހޭދަކުރުމަށްފަހު ފަހަރެއްގައި މިއީ އާ ކަމެއް ތަޖުރިބާކޮށްލަންވީ ވަގުތު ކަމަށް ބުނެފައެވެ.

"ޗެލްސީގައި މަޑުކުރާނީތޯ ނުވަތަ އެހެން ކްލަބަކަށް ދާނީތޯ އަހަންނަށް ނިންމިދާނެ. އެކަމަކު އެންމެފަހުގެ ނިންމުން ނިންމާނީ ޗެލްސީން. އަހަރެން ފޮނުވާލަން ނިންމައިފިނަމަ އެންމެންނަށް ވެސް އިނގޭނެ އަހަރެން ދެން ދާނީ ކޮން ކްލަބަކަށް ކަން" ހަޒާޑް ބުންޏެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ވެސް ޗެލްސީ ކޮލިފައިވެފައި ނުވާއިރު އެ ކްލަބުން މިދިޔަ ހަފްތާގެތެރޭގައި ވަނީ ހުސްވެފައިވާ ކޯޗުކަމުގެ މަގާމަށް ކުރިން ނަޕޯލީއަށް ކޯޗުކޮށްދިން މައުރީޒޯ ސާރީ ހަމަޖައްސާފައެވެ.

2012 ވަނަ އަހަރު 32 މިލިއަން ޕައުންޑުގެ އަގަކަށް ފްރާންސްގެ ލިލް އިން ޗެލްސީއަށް ބަދަލުވީ ހަޒާޑް ވަނީ އެ ކްލަބާއެކު މިހާތަނަށް ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕެއްގެ އިތުރުން ޔޫރޮޕާ ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.