ފަހަތުން އަރާ ޕްރިމިއަރ ލީގުގައި މިރޭ 1-2 އިން ޗެލްސީގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ 59 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. ތިންވަނައިގައި 57 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ހަތަރުވަނައިގައި 55 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމްއެވެ. ލީގުގެ ފަސްވަނައިގައި 53 ޕޮއިންޓާ އެކު އޮތީ ޗެލްސީއެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގެ 32 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ.

ޗެލްސީން އުފެއްދި ކައުންޓަރ އެޓޭކެއްގައި ހަޒާޑް ދިން ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ވިލިއަންއެވެ. ނަމަވެސް ޗެލްސީން މި ގޯލު ކާމިޔާބުކުރިތާ ހަތް މިނެޓްފަހުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮމެލޫ ލުކާކޫ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކީ ޔުނައިޓެޑުންނެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓްގައި ލުކާކޫ ދިން ޕާހަކުން ދެވަނަ ހާފްގައި ކުޅެން އެރި ޖެސީ ލިންގާޑް ވަނީ ޔުނައިޓެޑަށް މެޗުގެ ލީޑު ނަގާދީފައެވެ. ލިންގާޑް މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ޔުނައިޓެޑުން މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ނަތީޖާ އެއްވަރުކޮށްލަން ޗެލްސީގެ ވިލިއަން އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

ވިލިއަންގެ މި ހަމަލާ އަކީ ދެވަނަ ހާފްގައި ވެސް ޗެލްސީ އަށް ޔުނައިޓެޑްގެ ގޯލަށް ފޮނުވާލެވުނު އެންމެ ނުރައްކާތެރި ހަމަލާކަން ފާހަގަކޮށްލެވެއެވެ.

މި މޮޅާއެކު ލީގުގެ ދެވަނަ އަށް ޔުނައިޓެޑް އަލުން އެރިއިރު މި މެޗުން ބަލިވުމުން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތަށް މިހާރު ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެގެން ގޮސްފައެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއެވެ. ޔުނައިޓެޑް ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ.