މެންޗެސްޓާރ ސިޓީ އާއި އާސެނަލް މިރޭ ކަރަބާއޮ ކަޕް ގެ ފައިނަލްގައި ބައްދަލު ކުރި މެޗު 3-0ން މެންޗެސްޓާރ ސިޓީ ކާމިޔާބުކޮށްފިއެވެ. މި ކާމިޔާބީއަކީ މެންޗެސްޓާރ ސިޓީގެ ކޯޗު ގަޑިއޯލާ އެ މަގާމާއި ހަވާލުވި ފަހުން ކާމިޔާބުކުރި ފުރަތަމަ ތަށްޓެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ މެންޗެސްޓާރ ސިޓީއިންނެވެ. އެހެންނަމަވެސް ދެ ޓީމުގެ ފަރާތުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފެނިގެންގޮސްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ސިޓީއަށް ސާރޖިއޯ އަގުއެރޯ ކާމިޔާބުކޮށްދިންއިރު އަގުއެރޯ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކުވައިދީފައެވެ. އަގުއެރޯގެ މި ލަނޑަކީ އޮފްސައިޑް ޕޮޒިޝަނެއްގައި ހުރެ ކާމިޔާބުކުރި ލަނޑެއްކަމަށް އާސެނަލްގެ ކުޅުންތެރިން ރެފްރީއަށް ޝަކުވާކުރިނަމަވެސް އެންމެ ފަހުން ނިމިގެންދިޔައީ މި ލަނޑަކީ އޮފްސައިޑް ލަނޑެއް ނޫންކަމަށެވެ. ދެވަނަ ލަނޑު އިންޖަރީގެ ސަބަބުން ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުނު ސިޓީގެ ކެޕްޓަން އަދި އެއް އިރެއްގައި ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރެއިން ހިމެނޭނެކަމަށް ބެލެވުނު އެއް ކުޅުންތެރިޔާ ވިންސެންޓް ކޮމްޕެނީ ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސިޓީގެ ސްޕެނިޝް މިޑްފީލްޑަރު ޑޭވިޑް ސިލްވާއެވެ. މި މެޗުގައި ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯގެ ފަރާތުންވެސް ވަނީ މޮޅު ސޭވްތަކެއް ފެނިގެންގޮސްފައެވެ.

އާސެނަލްއަށް މި މެޗުގައި ނަތީޖާގެ ފަރަގު ކުޑަކުރަން ފުރުސަތު ލިބުނު ނަމަވެސް މިތަނުން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭ ގޮތް ވަނީ ނުވެފައެވެ. އަގުބޮޑުކޮށް އާސެނަލްއިން ޑޯޓްމަންޑުން ގެނައި ސްޓްރައިކަރު އޯބެމިޔޭންގް ގެ ފަރާތުން ވަނީ އޭނާ އިނގިރޭސި ޓީމުތަކުގެ ފިޒިކަލް ކުޅުމަށް ހޭނެން ދުވަސްކޮޅެއް ބޭނުންވާނޭކަން ފެންނަ ފަދަ ކުޅުމެއް މި މެޗުން ފެނިގެންގޮސްފައެވެ. އާސެނަލްގެ އެރޮން ރަމްސީވެސް ވަނީ މި މެޗުގައި ލިބުނު ފްރީ ކިކެއް ޑިފެންސިވް ވޯލް ދަށުން ފޮނުވާލައި ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ.