3-0 އިން އާސެނަލް ބަލިކޮށް އިނގިރޭސި ލީގު ކަޕް މެންޗެސްޓަރ ސިޓީ އިން ކާމިޔާބުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އާސެނަލް އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭ ވަރަކަށް ހުހަށް ހުރެ އާސެނަލްގެ އިތުބާރު ފޯވާޑް އޮބަމަޔަންގް ފޮނުވާލި އެ ހަމަލާ ސިޓީގެ ކީޕަރު ބްރާވޯ ވަނީ ދިފާއުކޮށްފައެވެ.

މި ފުރުސަތުގެ ބޭނުން އާސެނަލް އަށް ނުހިފުނުއިރު މެޗުގެ 18 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ސިޓީގެ ސިލްވާ އަދި ޑެ ބްރައިނާ އަށް ވަނީ ލިބިގެން ގޮސްފައެވެ.

އެއް ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ސިޓީ އިން ނިންމާލިއިރު މެޗުގެ 58 ވަނަ މިނެޓްގައި ވިންސެންޓް ކޮމްޕެނީ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ހަތް މިނެޓްފަހުން ޑޭވިޑް ސިލްވާ ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މެޗުގެ ލީޑު އެޓީމަށް ފުޅާކޮށްދީފައެވެ.

ބޮޑު މޮޅާއެކު ސިޓީ އިން ލީގު ކަޕް ކާމިޔާބުކުރިއިރު މިއީ އެޓީމު މި މުބާރާތް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. މީގެއިތުރުން މިއީ ޕެޕް ގާޑިޔޯލާގެ އިރުޝާދުގެ ދަށުން ކުޅެ ސިޓީ އިން ކާމިޔާބުކުރި ފުރަތަމަ ތަށިކަން ވެސް ފާހަގަކޮށްލެވެއެވެ.

ލީގު ކަޕް ސިޓީ އިން ކާމިޔާބުކުރިއިރު ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ސިޓީ އަށް މި ސީޒަނުގައި އަދި އެބައޮތެވެ.