ސްޕެނިޝް ލަލީގާގައި ރަޔޯ ވަޔެކާނޯ އަތުން 0-1 ގެ ނަތީޖާއަކުން ބާސެލޯނާ އަމިއްލަ ދަނޑަށް ބަލިވެއްޖެއެވެ.

ކޭމްޕްނޯގައި ކުޅުނު މި މެޗު ފެށިގެން ކުރީކޮޅު ވަޔެކާނޯ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ހަތް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިސީ ޕަލަޒޮންގެ އެހީތެރިކަމާއެކު އަލްވަރޯ ގާސިއާއެވެ.

މި ލަނޑާއެކު ބާސާއިން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، ނަތީޖާ ހަމަހަމަ ކުރަން ގިނަ ހަމަލާތަކެއް އެޓީމުން ވަނީ އުފައްދާފައެވެ. ނަމަވެސް ވަޔެކާނޯ އިން ވަނީ ރަނގަޅު ޑިފެންސެއްކޮށް، ބާސާ ހިފަހައްޓާފައެވެ.

ފުރަތަމަ ހާފްގައި ބާސާގެ ޑެމްބެލޭ ގިނަ ހަމަލާ އުފެއްދިއިރު، ހާފް ނިމުމުގެ ކުރިން ޖަވީއަށްވެސް ވަނީ ނަތީޖާ ހަމަހަމަ ކުރަން ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ.

ދެވަނަ ހާފް ފެށިގެން ބާސާއިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، އެ ހަމަލާތަކުގެ ބޭނުން އެޓީމަށް ހިފަން ގިނަ އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ޑިފެންސިވް ކުޅުމެއް ކުޅެމުންދިޔަ ވަޔެކާނޯ އިން ވަނީ ބާސާގެ ހަމަލާތައް ދިފާއުކޮށްފައެވެ.

މިއާއެކު، ބާސާއިން އެޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނެސް ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 33 މެޗުން ލިބުނު 63 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. ބާސާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން އެޓީމުގެ ފަހަތުން ތިންވަނައިގައި އޮތީ ލަނޑުގެ ތަފާތުން ސެވިއްޔާއެވެ. މެޗުން މޮޅުވި ވަޔެކާނޯ އޮތީ 33 މެޗުން ހޯދި 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބާސް

    މިމެޗްގައި ރެފްރީގެ ނިންމުންތައް އެހާ ރަގަޅެއްނޫން. އެކަމަކުވެސް ބާސާ ބަލިވީމަ ހިންހަމަޖެހޭ. ހަލާމެޑްރިޑް

    3
    2
  2. ޕޮގުބާ

    ރެއާލްމެޑްރިޑް ބަލިކުރެވުނީމަ ވީމޮޅު ނަކަހަށް

  3. ހުސޭނުބޭ

    އަމިއްލަ ދަނޑަށް ބަލިވެއްޖެ ........ މިހެން ބުނީމާ ހީވަނީ ބަލިވެއިނީހެން
    އަމިއްލަ ދަނޑުގައި ބަލިވެއްޖެ ........ މިއީ ރަގަޅުގޮތަކީ