ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިން ގެއްލުމުގެ ބަދަލު ހޯދަން ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ފީފާއަށް މައްސަލަ ހުށަހަޅައިފިއެވެ.

ނެދަލޭންޑްސްގެ ކޫޕްމަން ބުނީ، ކޮވިޑް-19 ގެ ދަތި ވަގުތުގައި ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމެއް ނެތި، އާއިލާއާ އެއްކޮށް ވަގުތު ހޭދަކުރަމުން ދަނިކޮށް އެފްއޭއެމް އިން އޭނާގެ އެއްބަސްވުން ބާތިލުކުރި ކަމުގެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މިގޮތުން އެފްއޭއެމްގެ ނިންމުމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި ކޫޕްމަން ބުނީ، މިކަމާ ގުޅިގެން އެފްއޭއެމްއާ ދެކޮޅަށް ހުރިހާ ލިޔެކިޔުމެއް އޭނާގެ ލޯޔަރު މެދުވެރިކޮށް ހުށަހަޅާފައިވާ ކަމަށްވެސް ކޫޕްމަން ވަނީ ބުނެފައެވެ.

އެއްބަސްވުން އުވާލުމުން މާލީ ގޮތުން ގެއްލުން ލިބިފައިވާކަން ފާހަގަކޮށް ކޫޕްމަން ބުނީ، އެއްބަސްވުން އުވާލާފައިވަނީވެސް ރަނގަޅަށް ނޫން ކަމަށާއި، ބޭނުން ގޮތެއް ނެހެދޭނެ ކަމަށެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ކޫޕްމަން --- ފޮޓޯ: މިހާރު

އެފްއޭއެމްއާއެކު ކޫޕްމަން ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރުގެ އޯޣަސްޓް މަހުގެ ތެރޭގައި އުވާލިއިރު، އެފްއޭއެމް އިން ބުނެފައިވަނީ އެއްބަސްވުން އުވާލީ ދެފަރާތުން ވާހަކަ ދެކެވިގެން ކަމަށެވެ.

ކޫޕްމަންއާއެކު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި، ނެދަލެންޑްސްގެ ރެނޭ ހިޑިންކް މިިދިޔަ އަހަރު މަގާމުން ވަކިކުރި ގޮތުގެ މައްސަލަ ފީފާ ޓްރިބިއުނަލް އިން ބަލައި، އޭނާއަށް 2.9 މިލިއަން ރުފިޔާ ދިނުމަށް ފީފާއިން ވަނީ އަންގާފައެވެ.

މިއާއެކު، ރެނޭ އަށް ދޭން ޖެހޭ ފައިސާ އަދާކޮށްނުދޭނަމަ ފީފާ އިން ދޭ ޑިވެލޮޕްމަންޓް ފަންޑްގެ ވަކި ޕަސެންޓެއް މަދުވާނެ ކަމަށް ޓްރިބިއުނަލް ރިޕޯޓްގައިވަނީ ބަޔާންކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އެފްއޭއެގް ދުވަސް ތިއޮތީ ގޮސްފައެއްނު!

  2. މުރާނާ

    ތިޔަ ފައިސާ ދައްކަން ޖެހޭނީ މިރާއްޖޭގެ ފުޓުބޯޅަ ހަލާކުކޮށްލި ބަންސާމާ ތިޔަ އެއްބަސްވުން ޣައިރު ޤާނޫނީ ގޮތުން އުވާލި މީހުންގެ އަތުން

  3. އަލްޖިބްރާ

    މިރާއްޖޭގެ ކުޅިވަރުތަކުގެ އިދާރާތަކުގައި މިކަހަލަ ދެއުޅިއެއްނުވާ މީހުން ބައިތިއްބައިގެން އެއްވެސް ކުޅިވަރެއް ތަރައްޤީ ކޮށް ކުރިއަކަށް ނުގެންދެވޭނެ ! ތިހާބޮޑެތި ފައިސާގެ އަދަދު ތަކުން ކުޅިވަރުތަކުގެ އިދާރާތަށް ޖޫރިމާނާވެ ނުވަތަ މީސްމީހުނަށް ފައިސާދޭން ޖެހުނީމާ އެތަންތަން އިދަ ޖެހުންނޫން ކަމެއް ނުވާނެ ! ތިކަހަލަމީހުން ތަން ތަނުގައި ތިބެގެން އެއްކަމެއްވެސް ރަގަޅުނުވާނެ ކަމުގެ ހެކިތަށް ތިހިރަ ދަނީ ފެންނަމުން !