ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސުޓް އޮޒިލް އިއުލާންކޮށްފިއެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް އޮޒިލް ކުޅުން ހުއްޓާލީ މިދިޔަ މޭ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވި އިވެންޓެއްގެ ތެރެއިން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން އާއެކު ނެގި ފޮޓޯއެއްގެ މައްސަލަ ހޫނުވެ އޮޒިލް އަށް ގިނަ ފާޑުކިޔުންތަކެއް ޖަރުމަނުގެ މީޑިޔާ އާއި އަދި އެޓީމަށް ކުރިން ކުޅުނު ބައެއް ކުޅުންތެރިންގެ ފަރާތުން އަމާޒުވެފައި ވަނިކޮށެވެ.

އޮޒިލްގެ އިތުރުން އެ އިވެންޓުގައި ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އިލްކާއި ގުންޑޮގާން ވެސް ބައިވެރިވިއެވެ. އޮޒިލް އާއި ގުންޑޮގާން ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުނު ނަމަވެސް މި ދެ ކުޅުންތެރިންނަކީ ވެސް ތުރުކީ އަށް އުފަން ދެ ކުޅުންތެރިންނެވެ.

މި ދެ ކުޅުންތެރިން މި ފޮޓޯ ނެގިއިރު އޭރު އުރުދުގާން ގެންދެވީ ރިޔާސީ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުންނެވެ. އަދި އެ ފޮޓޯތައް އުރުދުގާންގެ ކެމްޕެއިންގައި ވެސް ބޭނުންކޮށްފައިވެއެވެ.

އާސެނަލް އަށް ކުޅެމުން އަންނަ އޮޒިލް އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އުރުދުގާން އާއެކު ފޮޓޯ ނެގީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށާއި އުރުދުގާން އާއެކު މީގެކުރިން ބޭއްވި ބައްދަލުވުންތަކެކޭ ވެސް އެއްގޮތަށް އެ ބައްދަލުވުމުގައި ވެސް ދެކެވުނީ ފުޓްބޯޅައިގެ ވާހަކަތައް ކަމަށެވެ.

ނަމަވެސް ޖަރުމަނުގެ މީޑިޔާ އިން އެ ބައްދަލުވުން ސިފަކުރީ މުޅިން އެހެން ގޮތަކަށް ކަމަށާއި އަދި މި ފޮޓޯއާ ގުޅިގެން ޖަރުމަނުގެ ފުޓްބޯޅަ އިދާރާ އިން ވެސް އޭނާއާ މެދު ކަންތައްތައް ކޮށްފައިވަނީ ރަނގަޅު ގޮތަކަށް ނޫން ކަމަށް އޮޒިލް ބުނެފައިވެއެވެ.

"ހިނގައިގެން މިދިޔަ ކަންތައްތަކާއި ގުޅިގެން ޖަރުމަނުގެ ގައުމީ ޓީމަށް ދެން އިތުރަކަށް އަހަރެން ނުކުޅޭނަން. މިއީ ނިންމަން ވެސް އަހަންނަށް އުނދަގޫވި ނިންމުމެއް. އެކަމަކު މި ކަންތައްތަކުން އަހަންނަށް އިހުސާސް ކުރެވުނީ އަހަރެންގެ މުހިއްމުކަން މި ޓީމަށް ބޭނުން ނުވާކަން. އަހަންނަށް ހީވަނީ 2009 ވަނަ އަހަރުން ފެށިގެން މި ޓީމާއެކު އަހަރެން ހޯދި ކާމިޔާބީތައް ވެސް މިހާރު ހަނދާން ނެތިއްޖެހެން" އޮޒިލް ބުންޏެވެ.

މި ބަޔާނުގައި ޖަރުމަނުގެ ފުޓްބޯޅަ އިދާރާގެ ރައީސް ރެއިންހާޑް ގްރިންޑެލް އަށް އޮޒިލް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން އޮޒިލް ބުނީ ގްރިންޑެލް އާއި އޭނާގެ ސަޕޯޓަރުންގެ ނަޒަރުގައި ޖަރުމަނު މޮޅުވެއްޖެނަމަ އޭނާ ވަނީ ޖަރުމަނު މީހަކަށް ކަމަށާއި ނަމަވެސް ޓީމު ބަލިވާ ހާލަތުގައި އޭނާ ވަނީ ހިޖުރަކޮށްފައިވާ ތުރުކީގެ މީހަކަށް ކަމަށެވެ. އަދި ޖަރުމަނު މީހެއްގެ ގޮތުގައި އޭނާ ބަލައިގަންނަން ބައެއް ފަރާތްތަކަށް އުނދަގޫ ކަމަށްވެސް އޮޒިލް ބުންޏެވެ.

މީގެއިތުރުން އޮޒިލް ވަނީ އުރުދުގާން އާއެކު ނެގި ފޮޓޯގެ ސަބަބުން އޭނާއަށާއި އަދި އޭނާގެ އާޒިލާ އަށް މަރުގެ އިންޒާރުތައް ސޯޝަލް މީޑިޔާ އިންނާއި އެހެނިގެން ގޮތްގޮތުން ލިބިފައިވާ ކަމަށްވެސް ބުނެފައެވެ.

އޮޒިލް ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ އެޓީމަށް 92 މެޗު ކުޅެދީ 23 ގޯލު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޮޒިލް ވަނީ 2014 ވަނަ އަހަރު ޖަރުމަނު ޓީމާއެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާނީ

    ތިހެދީ ހަމަ ރަނގަޅަށް އޮޒިލް އަށް ހަމަ ސާބަސް!
    ކަމެއް ކޮށްދިނަސް ބަލައެއް ނުގައްނާނެ. މަ ދެން ޖަރުމަނަށް ސަޕޯޓް ކުރުން ހުއްޓާލީ. ތި ލިބުނީ ތެޔޮހަމެއް.

  2. ޖިނާން ޔޫނުސް 15

    އައި އޭމް ވިތް ޔޫ އޮޒިލް....ގޮނަ މިސް ޔޫ...ޔޫ އަރ ދަ ބެސްޓް ޕްލެޔަރ