ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރާ ސްޕެނިޝް ސުޕަ ކަޕްގެ މެޗު މިފަހަރު މޮރޮކޯގައި ކުޅުމަށް ނިންމައިފިއެވެ.

ސްޕެނިޝް ސުޕަ ކަޕަކީ މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕްގެ ފައިނަލްގައި ބައްދަލުކުރި ދެ ޓީމުގެ މެދުގައި ކުޅެވޭ މެޗެކެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

ސްޕެނިޝް ސުޕަ ކަޕްގައި މީގެކުރިން ދެ ލެގު ކުޅުނު ނަމަވެސް މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ.

ސްޕެއިންގެ ފުޓްބޯޅަ އިދާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ މިފަހަރުގެ ސްޕެނިޝް ސުޕަ ކަޕް މެޗު ކުޅޭނީ މޮރޮކޯގެ ޓަންޖިޔޭ ސްޓޭޑިއަމްގައި ކަމަށެވެ. އެއީ 45،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.

މި ސްޓޭޑިއަމް ހުޅުވީ 2011 ވަނަ އަހަރު ކަމަށްވާއިރު، ސްޓޭޑިއަމް ހުޅުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ސްޕެނިޝް ލީގުގެ ކްލަބެއް ކަމަށްވާ އެތްލެޓިކޯ މެޑްރިޑުން ވަނީ ބައިވެރިވެފައެވެ.

ސްޕެނިޝް ސުޕަ ކަޕްގެ މެޗު މޮރޮކޯގައި ކުޅެން ނިންމިއިރު މިއީ ސްޕެއިން އިން ބޭރުގައި މި މެޗު ކުޅޭ ފުރަތަމަ ފަހަރުވެސް މެއެވެ.