މީގެ ކުރިން އެމެރިކާއަށް އާދެވުނު ނަމަ އެމެރިކާގެ ރައީސަކަށް މިހާރު ހުންނާނީ އޭނާ ކަމަށް އެމެރިކާގެ ލޮސް އޭންޖަލްސް ގެލެކްސީއަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

ޕިލަދެއްޕިއާ ޔުނިއަންގެ މަށްޗަށް 3-1 ގެ ނަތީޖާއަކުން މޮޅުވި މެޗަށް ފަހުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އިބްރަހިމޮވިޗް ބުނީ އެމެރިކާގައި ކުޅެން ނިންމީ އެމެރިކާގެ ފުޓްބޯޅައަށް އިންގިލާބެއް ގެންނަން ނޫން ކަމަށާއި އެއީ އޭނާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އެމެރިކާއަށް އައީ އޭނާގެ ވަޒީފާ އަދާކުރުމަށް ކަމަށެވެ.

އޭނާ އެމެރިކާއަށް މީގެ ކުރިން ނައިކަން އެއީ އެމެރިކާގެ ނަސީބު ކަމަށާއި އެހެންނޫންނަމަ މިއަދު އެމެރިކާގެ ރައީސްކަމުގައި ހުންނާނީ އޭނާ ކަމަށްވެސް ޒަލްޓަން ބުނެފައިވެއެވެ.

"އެމީހުންގެ ނަސީބު އެއީ އަހަރެން މީގެ 10 އަހަރު ކުރިން އެމެރިކާއަށް ނައިކަން. އެހެންނޫންނަމަ އަހަރެން މިހާރު ހުންނާނީ އެމެރިކާގެ ރައީސްކަމުގައި" ޒަލްޓަން އިބްރަހިމޮވިޗް ބުންޏެވެ.

ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކުޅެދީފައިވާ އިބްރަހިމޮވިޗް އަކީ ހުނަރުވެރި ކުޅުންތެރިއެވެ. އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗް އަކީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރަޕިއަން ލީގުގައި އަށްވަނައަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އަދި މީގެ ކުރިން ސްޕެއިންގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ ފަދަ ކުލަބުތަކަށް ކުޅެދީފައިވާ އިބްރަހިމޮވިޗް އަކީ ކުލަބު ފެންވަރުގައި ވެސް ރަނގަޅު ކުޅުމެއް ކުޅެދީފައިވާ ކުޅުންތެރިއެވެ.

ކުލަބު ފެންވަރުގައި އޭނާ 746 މެޗު ކުޅެފައިވާއިރު އޭނާ ވަނީ 433 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ސްވިޑަން އާއި އެކު 116 މެޗުން 42 ގޯލު ކާމިޔާބުކޮށްދިން އިބްރަހިމޮވިޗް އަކީ އެގައުމުގެ ކެޕްޓަންކަންވެސް ކުރި ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޮނާލްޑޯ

    ތިހުރީ ރައީސް ކަމުގަ އެއްނު. ތިއުޅެނީ ޓްރަންޕް ރުޅިނައިސްގެންދޯ؟

  2. އިބުރޭ

    ރާއްޖެއަށް ނައިކަންވެސް ހަމަ ނަސީބު.. އެހެން ނޫނީ މިސޮރު އެހެންބުނާ އިރަށް ލާނީ ޖަލަށް ތޯއްޗެއް؟؟