އިންޑިއާއިން ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ ކްރިކެޓް ވަސީލަތް ހަދިޔާކޮށްފިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ކުރި ރިކުއެސްޓަކަށް އިންޑިއާގެ ޔޫތު އެފެއާޒް އެންޑް ސްޕޯޓްސްއިން ފޯރުކޮށްދިން މި އަގުހުރި ކްރިކެޓް ވަސީލަތްތައް ހަވާލުކުރީ މިއަދު އެކުވެނިކް ސިންތެޓިކް ޓްރެކްގައި ކުރިޔަށްދިޔަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ނައިބްރައީސް ފައިސަލް ނަސީމް، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނު މަހާވަރު އަދި ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް މިނިސްޓަރު އަނޫރާގް ތާކޫރް ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް ވިދާޅުވީ، މި ހަދިޔާއާއެކު ރާއްޖޭގެ ކުޅިވަރަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރާއްވާ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނު މަހާވަރު ވިދާޅުވީ، މި ހަދިޔާއާއެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، ހަދިޔާކުރި ވަސީލަތްތަކުން ރާއްޖޭގެ ކްރިކެޓް ކުރިއަރުވަން ފަސޭހަތަކެއް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެއިތުރުން، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާއިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށާއި، އަދި އެގައުމުން ރާއްޖެއަށް ދީފައިވާ 40 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ މުޅިން ބަދަލުވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފިރިހެން އަދި އަންހެން ސީނިއާ ކުޅުންތެރިންގެ އިތުރުން ޖޫނިއާ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އެދުމެއްނެތި ވެދުމެއް ނުކުރާނެ.

    • ޛިލޭ

      ފުޓްބޯޅައަކަށްނުދޭނެ.......އެއީ އިންޑިޔާ އައްވުރެ މޮޅުވެދާނެތީ.....ތީފުޓްބޯޅަ ހުއްޓުވަން ކުރާކަންތައްތައް

  2. އަހުމަދު

    ޙެހެހެ ކުރެޑިޓް ވަސީލަތް ހަދިޔާކުރޭތަ. އެ ވާނީ ދަރަންޏައް ބޯހަލާކު

  3. އަބްދޫ

    މިލިއަންރުފިޔާ ޖަހަނީ ކޮންބަޔަކަށް އޮޅުވާލަންތަ 10 ވަރަކަށް ވިކެޓް ބެޓް ބޯޅަ ޕެޑް ދިނަސް މިލިއަން ރުފިޔާ އަރާނެ. ވަކިވަކިން ތަކެތީގެ އަދަދު ޖަހާލިނަމަ ކިހާ ރަނގަޅުވީސް މީހުންގެ ހިތަށް އިންޑިޔާގެ ދީލަތި އެހީ ވެއްދުމަށް މިލިއަންރުފިޔާ ޖެއްސަސް އަޅުގަނޑުމެން އިންޑިޔާ ކިބައިން މިނިވަންވާން ބޭނުން. މޯދީ ގެއަލަކަށް ނުވާނަން މަށަކީ މާތް ﷲ ގެ އަޅެއް.