ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ބޭއްވި ޕްލޭއޮފް މެޗުތަކުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން އެފްރިކާގެ ހަ ފުޓުބޯޅަ އެސޯސިއޭޝަނެއް ޖޫރިމަނާކޮށް، ރީ-މެޗެއް ނުކުޅެން ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާއިން ނިންމައިފިއެވެ.

ފީފާއިން މިއަދު ބުނެފައިވާގޮތުން، ޕްލޭއޮފްގެ ދެވަނަ ލެގު މެޗުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން އެ ޖަމިއްޔާއިން ވަނީ ސެނެގާލް، ނައިޖީރިއާ، ކޮންގޯ، އަލްޖީރިއާ، މިސްރު އަދި މޮރޮކޯގެ ފުޓުބޯޅަ އެސޯސިއޭޝަން ޖޫރިމަނާކޮށްފައެވެ. އަދި އަލްޖީރިއާ އާއި މިސްރުގެގެ ހުށަހެޅުމާ އެއްގޮތަށް ރީ-މެޗެއް ނުކުޅުމަށްވެސް ފީފާއިން ވަނީ ނިންމާފައެވެ.

އަލްޖީރިއާއިން ކެމަރޫންއާ ދެކޮޅަށް ކުޅުނު ޕްލޭއޮފްގެ ދެވަނަ ލެގުގެ މެޗު އަލުން ކުޅުމަށް ފީފާއަށް ހުށަހެޅީ، މެޗުގައި ރެފްރީއަކަށް ހުރި ގެމްބިއާގެ ބަކަރީ ގަސާމާގެ ނިންމުންތަކާ ގުޅިގެންނެވެ. ނަމަވެސް، ފީފާއިން ވަނީ އެކަމަށް ރިޔާއަތް ނުކޮށް، ސަޕޯޓަރުންގެ ފަރާތުން ހިނގި ކަންކަމުގެ ސަބަބުން އެސޯސިއޭޝަން 3،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

ނައިޖީރިއާއަށް ފީފާއިން ފިޔަވަޅު އަޅާފައިވަނީ ގާނާއާ ދެކޮޅަށް ކުޅުނު ޕްލޭއޮފްގެ ދެވަނަ ލެގުގެ މެޗު ނިމުމުން، ސަޕޯޓަރުން ދަނޑަށް އެރުމާ ގުޅިގެންނެވެ. މިގޮތުން ފީފާއިން ވަނީ 154،000 ޑޮލަރުން ނައިޖީރިއާ ޖޫރިމަނާކޮށް، އިންޓަނޭޝަނަލް އެއް މެޗު ސަޕޯޓަރުންނާ ނުލައި އެޓީމު ކުޅެން ޖެހޭ ގޮތަށް ހަމަޖައްސާފައެވެ.

ސެނަގާލްއަށްވެސް އެއް އިންޓަނޭޝަނަލް މެޗު ސަޕޯޓަރުންނާ ނުލައި ކުޅެން ޖެހޭ ގޮތަށް ނިންމައި، ފީފާއިން ވަނީ އެގައުމު 180،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. ފީފާއިން ސެނަގާލްއަށް ފިޔަވަޅު އެޅީ ޕްލޭއޮޕްގެ ދެވަނަ ލެގުގައި މިސްރާއި ދެކޮޅަށް ކުޅުނު މެޗުގައި ފީފާގެ ޑިސިޕްލިނަރީ ކޯޑް ބްރީޗް ކުރުމުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

"ސްޓޭޑިއަމްގެ ސަލާމަތީ ކަންކަން ނުބެލެހެއްޓޭ. ދަނޑުގެ ގަވައިދަށް ހުރުމަތްތެރިކޮށް ނުހިތާ. ދަނޑުމައްޗަށް ސަޕޯޓަރުން އެރުން. ދަނޑު މައްޗަށް އެއްޗެހި އުކުން. ދަނޑުގައި ހަވާއެރުވުން. ލޭޒާ އެޅުވުން. ކުޅިވަރާ ނުގުޅޭ ބެނާއެއް ސަޕޯޓަރުން ބޭނުން ކުރުން" ސެނަގާލްއިން މިސްރާއި ދެކޮޅަށް ކުޅުނު ޕްލޭއޮފް މެޗުގައި ހިނގި ކަންކަން ފާހަގަކޮށް ފީފާއިން ބުންޏެވެ.

ޕްލޭއޮފްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ކޮންގޯގެ ސަޕޯޓަރުން ދަނޑު މައްޗަށް އެރުމުން ފީފާއިން ވަނީ އެގައުމުވެސް އެއް އިންޓަނޭޝަނަލް މެޗު ސަޕޯޓަރުންނާ ނުލައި ކުޅެން ޖެހޭ ގޮތަށް ނިންމައި، އެޓީމު 123،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އަދި ދެވަނަ ލެގުގައި ސަޕޯޓަރުން އެއްޗެހި އުކާފައިވާތީ އިތުރު 5،000 ޑޮލަރުންވެސް ކޮންގޯ ވަނީ ޖޫރިމަނާކޮށްފައެެ.

މީގެއިތުރުން، ފީފާއިން ވަނީ ކޮންގޯގެ މައްޗަށް މޮރޮކޯއިން ކުރިހޯދި ޕްލޭއޮފްގެ ދެވަނަ ލެގުގެ މެޗުގައި އެޓީމުން ދަނޑުގައި ހަވާ އަރުވައި، ދަނޑަށް އެއްޗެހި އުކުމުން އަދި ސިޑިތައް ބްލޮކް ކޮށްފައިވާތީ 30،000 ޑޮލަރުން އެޓީމުވެސް ޖޫރިމަނާކޮށްފައެވެ.