ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާގެ މުޅި ފުޓުބޯޅަ ކެރިޔަރުގައިވެސް މި ސީޒަނަކީ އޭނާއަށް އެތައް ގޮތަކުންވެސް ކާމިޔާބު ސީޒަނެކެވެ.

އުމުރުން 34 އަހަރުގެ ބެންޒެމާ މި ސީޒަނުގައި މިހާތަނަށް ކުޅުނު 43 މެޗުގައި އޭނާ ވަނީ 43 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލަލީގާގައި އޭނާ ކާމިޔާބުކުރި 26 ލަނޑާއި، ޔުއެފާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 15 ލަނޑު ހިމެނެއެވެ.

މީގެއިތުރުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީ އަދި ކުއާޓާ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ބެންޒެމާ ވަނީ ހެޓްރިކް ހަދާފައެވެ. އަދި އޭނާ ވަނީ ރެއާލްގެ ތާރީހުގައި 17 ވަނަ ފަހަރަށް އެޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ބެންޒެމާގެ މި ކާމިޔާބު ސީޒަނުގައި އޭނާއާ ގުޅޭގޮތުން ނޭގޭ 10 ކަމެއް:

  1. އަލްޖީރިއާއަށް ކުޅުމުގެ ފުރުސަތު ލިބުނު:

ބެންޒެމާ އުފަންވީ 19 ޑިސެމްބަރު 1987 ގައި ފްރާންސްގެ ލިޔޯންއަށެވެ. އޭނާގެ ބައްޕަ ހަފީދް ބެންޒެމާ އަދި މަންމަ ވަހީދާ ޖެއްބަރާއަކީ އަލްޖީރިއާއަށް ނިސްބަތްވާ ދެ މީހުންނެވެ. އޭނާއަށް އަލްޖީރިއާ ތަމްސީލްކުރަން ފުރުސަތު ލިބުނު ނަމަވެސް، ފުޓުބޯޅަ ލެޖެންޑް ޒިނެދިން ޒިދާން ފަދައިން އޭނާވެސް ނިންމީ ފްރާންސްއަށް ކުޅޭށެވެ.

2. އެލް ކްލެސިކޯގެ ތާރީހުގައި ކާމިޔާބުކުރި އެންމެ އަވަސް ގޯލު:

ބެންޒެމާ އަކީ އެލް ކްލެސިކޯގައި އެންމެ އަވަސް ލަނޑު ޖެހުމުގެ ޝަރަފު މިހާރުވެސް އޮތް ކުޅުންތެރިޔެވެ. އޭނާ ވަނީ 10 ޑިސެމްބަރު 2021 ގައި ބާސެލޯނާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ފެށުނުތާ 21 ސިކުންތު ތެރޭގައި ލަނޑު ޖަހާފައެވެ. ނަމަވެސް، އެ މެޗުން ރެއާލް ވަނީ 1-3 ގެ ނަތީޖާއަކުން ބާސާ އަތުން ބަލިވެފައެވެ.

3. ހަޔާތަށް ބިނާކޮށް ފިލްމެއް ވަނީ ހަދާފައި

ބެންޒެމާގެ ހަޔާތަށް ބިނާކޮށް 2017 ވަނަ އަހަރު ވަނީ ނެޓްފްލިކްސްގައި ފިލްމެއް ނެރެފައެއެވެ. "ލެ ކޭ ބެންޒެމާ" ގެ ނަމުން ނަން ދެވިފައިވާ މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ފްލޮރެންޓް ބޮޑިން އަދި ޑަމިއަން ޕިސްކަރެލްއެވެ.

4. ލިޔޯންގައި ބޯލް ބޯއި އަކަށް އުޅުނު

ބެންޒެމާއަކީ ލިޔޯންގެ އުފެއްދުމެއް ކަމަށްވާއިރު، އޭނާ ފްރާންސްގެ މި ކްލަބުގެ އެކަޑަމީއާ ގުޅިފައިވަނީ އުމުރުން އެންމެ 8 އަހަރުގައެވެ. އޭނާ ވަނީ އެ އުމުރުގައި ލިޔޯންގެ 10 އަހަރުން ދަށުގެ ޓީމަށް ކުޅެ، އެ ކްލަބުގެ ސީނިއާ ޓީމުގެ ގިނަ މެޗުތަކެއްގައި ބޯލް ބޯއިކަންވެސް ކޮށްފައެވެ. އަދި ފަހުން އޭނާ ވަނީ ލިޔޯންގެ ސީނިއާ ޓީމުން ޖާގަ ހޯދައި، އެ ކްލަބާއެކު ހަތަރު ފްރެންޗް ލީގުގެ އިތުރުން ފްރާންސްގެ ހުރިހާ ކްލަބް މުބާރާތެއްވެސް ކާމިޔާބުކޮށްފައެވެ.

5. ބެންޒެމާގެ ދެ ބޭބެ ފުޓުބޯޅަ ކުޅުނު

ބެންޒެމާ ދިރިއުޅެ ބޮޑުވީ އޭނާ އުފަންވި ލިޔޯންއަށެވެ. އޭނާގެ އެއްބަނޑު އެއްބަފާ ހަތް މީހަކު ތިބެއެވެ. އެއީ ފަސް ދައްތައިން ކަމަށްވާ ނަފީސާ، ފަރީދް، ލިޑިއާ، ސޯފިއާ، ސެލިއާ އަދި ލައެޓިސިއާއެވެ. އަދި ދެ ބޭބެއިންނަކީ ގްރެސީ އާއި ސަބްރީއެވެ.

ބެންޒެމާގެ އިތުރުން އޭނާގެ ދެ ބޭބެވެސް ކުޑައިރުން ފެށިގެން ފުޓުބޯޅަ ކުޅުނެވެ. ނަމަވެސް ޕްރޮފެޝަނަލްކޮށް އެ ތިންބެއިންގެ ތެރެއިން ފުޓުބޯޅަ ކުޅެފައިވަނީ ބެންޒެމާއެވެ. ފްރާންސްގެ ދަށް ޑިވިޝަންތަކުގައި ކެރިޔަރުގެ ކުރީކޮޅު ގްރެސީ ކުޅެފައިވާއިރު، 2012 ވަނަ އަހަރު އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ވަނީ ކުޅުން ހުއްޓާލާފައެވެ. އަދި ސަބްރީ ސެމީ ޕްރޮފެޝަނަލްކޮށް ފުޓުބޯޅަ ކުޅެފައިވާއިރު، އޭނާވެސް ވަނީ މިހާރު ކުޅުން ހުއްޓާލާފައެވެ.

6. ގިނީސް ވޯލްޑް ރެކޯޑްގައި ބެންޒެމާގެ ނަން ހިމެނޭ

ގިނީސް ވޯލްޑް ރެކޯޑްގައި ބެންޒެމާގެ ނަން ހިމެނިފައިވަނީ ޕީއެސްޖީގެ އާޖްންޓީނާ ކެޕްޓަން ލިއޮނެލް މެސީއާއެކު އެންމެ ގިނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅެ، ލަނޑު ޖަހާފައިވާތީއެވެ. މިގޮތުން ބެންޒެމާ އަދި މެސީ ވަނީ 2005/06 ވަނަ ސީޒަނަށްފަހު ޖުމްލަ 17 ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅެ، ލަނޑު ޖަހާފައެވެ.

7. ފްރާންސް އިން 17 އަހަރުން ދަށުގެ ޔޫރޯ ނެގިއިރު ޓީމުގައި ހިމެނޭ

ބެންޒެމާ ވަނީ ފްރާންސް އިން 2004 ވަނަ އަހަރު 17 އަހަރުން ދަށުގެ ޔޫރޯ ނެގިއިރު، އެޓީމުގައި ހިމެނިފައެވެ. ފްރާންސް އިން އެ މުބާރާތް ކާމިޔާބުކޮށްފައި ވަނީ ސްޕެއިންއާ ވާދަކޮށް، 1-2 ގެ ނަތީޖާއަކުންނެވެ. އެ ޒުވާން ޓީމުގައި ސާމިރް ނަސްރީ އާއި ބެން އަފްރާވެސް ހިމެނެއެވެ.

8. އެންމެ ގިނަ ލަނޑު ޖަހާފައިވާ ފްރާންސް ކުޅުންތެރިޔާ

މި ސީޒަނުގައި ބެންޒެމާ މުގުރާލި ގިނަ ރެކޯޑުތަކުގެ ތެރޭގައި އެންމެ ގިނަ ލަނޑު ޖެހި ފްރާންސް ކުޅުންތެރިޔާ އަކީ އޭނާއަށް ލިބިގެންދާނެ ހާއްސަ ފަހުރެކެވެ. މިހާތަނަށް ކެރިޔަރުގައި 414 ލަނޑު ކްލަބް އަދި ގައުމަށް ކާމިޔާބު ކޮށްދީފައިވާ ބެންޒެމާ ވަނީ އެ ރެކޯޑު އޮތް ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީއަށްވުރެ އިތުރަށް ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

9. ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާ:

އުމުރުން 34 އަހަރާއި، 108 ދުވަހުން ބެންޒެމާ ވަނީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މި މަގާމު އޭނާ ހޯދީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ރެއާލް ކުރިހޯދި މެޗުގައި ހެދި ހެޓްރިކާއެކުއެވެ. މި ރެކޯޑް ބެންޒެމާ މުގުރާލީ އެންމެ ފަހުން އެ ރެކޯޑް 34 އަހަރާއި، 82 ދުވަހާއެކު ހަދާފައިވާ ފްރާންސްގެ އޮލިވާ ޖިރޫގެ މައްޗަށް ކުރިހޯދައިގެންނެވެ.

10. ރެއާލްއަށް އެންމެ ގިނަ މެޗު ކުޅުނު ބިދޭސީ ކުޅުންތެރިޔާ

މިހާތަނަށް ބެންޒެމާއަކީ ރެއާލްއަށް ކުޅުނު 602 މެޗާއެކު އެޓީމަށް ހުރިހާ މުބާރާތްތަކު އެންމެ ގިނަ މެޗު ކުޅުނު ބިދޭސީ ކުޅުންތެރިޔާއެވެ. އޭނާގެ ފަހަތުން ދެވަނައިގައި އޮތީ 545 މެޗާއެކު ބްރެޒިލްގެ މާސެލޯއެވެ.

މި ސީޒަނުގައި އާދަޔާ ހިލާފު ކުޅުމެއް ދައްކަމުން އަންނަ ބެންޒެމާގެ އެންމެ ކާމިޔާބު ސީޒަނަކީ މި ސީޒަން ކަމަށްވާއިރު، ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މި އަހަރު ލިބުން ގާތީ އޭނާއަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިއީ އެކަކަށް މި އެވޯޑް ލިބޭނެ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަސްލު ބެންޒެމާއަށް ބެލޮން ޑިއޯ ލިބެންޖެހޭ. މެސީ، ރޮނާލްޑޯ، ނޭމާ، ލެވަންޑޯސްކީ ފަދަ ކުޅުންތެރިންނެކޭ އެއްފަދައިން ސްޕެނިސް ލީގާއި ޗެމްޕިއަންސް ލީގަށް ރެއާލް ގެންގޮސް ދިނުމުގަ ބެންޒެމާ ކުރި ހިތްވަރާއި ބުރަ މަސައްކަތް ސުޕަރ.

    43
    • ޢަހުމަދުވަގާރު

      މީ ހަގީގީ މުސްލިމުންނަކީ.