ޕީއެސްޖީ އަށް ބަދަލުވުމާ ގުޅޭގޮތުން ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭއާ ވާހަކަދެއްކި ކަމަށް، ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ފްރާންސް އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި ކަންޓޭ މުހިއްމު ދައުރެއް އަދާކުރިއިރު އޭނާ އަކީ ޗެލްސީގެ މެދުތެރޭގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. މިފަހަރުގެ ޓްރާންސްފާގައި ކަންޓޭ ގެނައުމަށް އެންމެ ބޮޑަށް ޝައުގުވެރިވާ ކްލަބަކީ ޕީއެސްޖީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ 'ފްރާންސް ފުޓްބޯލް" އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ ޕީއެސްޖީ އަށް ބަދަލުވުމާ ގުޅޭގޮތުން ވޯލްޑް ކަޕްގެ ތެރޭގައި ކަންޓޭއާ ވާހަކަދެއްކި ކަމަށާއި، ކަންޓޭ ގެނައުމާ ގުޅޭގޮތުން ޕީއެސްޖީގެ ރައީސް ނަސީރް އަލް ހަލައިފީ ދާދިފަހުން އޭނާގެ ހިޔާލު ވެސް ހޯދާފައިވާ ކަމަށެވެ.

"ތެދު ވާހަކައެއް ޕީއެސްޖީގެ ރައީސް އެކަމާ ގުޅޭގޮތުން އަހަންނާއި ވާހަކަދެއްކި. އަހަރެން ބުނިން ކަންޓޭ އަތުވެއްޖެނަމަ ޓީމަށް އިތުރު ރަނގަޅުތަކެއް ވާނެއޭ. ވޯލްޑް ކަޕްގެ ތެރެއިން އަހަރެން ކަންޓޭއާ ވާހަކަދެއްކިން. އެކަމަކު މާބޮޑުކޮށް އެކަމާ ގުޅޭގޮތުން އަހަރެން ވާހަކައެއް ނުދައްކަން. ސަބަބަކީ އަހަންނަށް އިނގޭ ޓްރާންސްފާގެ ވާހަކަތައް އެގޮތަށް ދެއްކީމަ ކުޅުންތެރިއަކަށް ވާނެގޮތް. އެކަމަކު ކަންޓޭ އަށް ސާފު މެސެޖެއް ދިނުމަށް އޭނާގެ ޖީބަށް އަހަރެން ލިޔުންކޮޅުތަކެއް އެޅިން. އެނބުރި ގެޔަށް ދެވުނީމަ ކަންޓޭ އަށް އިނގޭނެ އޭގައިވާ އެއްޗެއް" އެމްބާޕޭ ބުންޏެވެ.

އުމުރުން 27 އަހަރުގެ ކަންޓޭ ޗެލްސީއާ ގުޅުނީ 2016 ވަނަ އަހަރު ލެސްޓަ ސިޓީން 32 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ ޗެލްސީއާއެކު މިހާތަނަށް ޕްރިމިއާ ލީގަކާއި އެފްއޭކަޕެއް ކާމިޔާބުކޮށްފައެވެ.

ކަންޓޭ ޗެލްސީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.