އިނގިރޭސި ލީގުގައި ރޭ ވުލްވްސް އަތުން މެންޗެސްޓަ ސިޓީ މޮޅުވި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު ކެވިން ޑިބްރޭނާ އަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ތައުރީފުގެ ބަސްތައް އޮއްސާލައިފިއެވެ.

ޕްރިމިއަ ލީގުގައި ރޭ ސިޓީ ވަނީ 5-1 އިން ވުލްވްސް ބަލިކޮށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު ތަށި ކަށަވަރު ކުރުމާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފިއެވެ. ލީގުގައި ބާކީ ދެ މެޗު އޮތްއިރު ދެވަނައިގައި އޮތް ލިވަޕޫލަށްވުރެ ސިޓީ އޮތީ ތިން ޕޮއިންޓު ކުރީގައެވެ. ސިޓީ އަށް ބާކީ އޮތް ދެ މެޗުން ކުރެ އެއް މެޗުން ބަލިވެގެން ވެސް ގޯލުގެ ތަފާތުން ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ރޭގެ މެޗުގައި ތަފާތަކަށްވީ ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ޑިބްރޭނާއެވެ. އޭނާ ވަނީ މެޗުގައި ހަތަރު ގޯލް ޖަހައިފައެވެ. މި ހަތަރު ގޯލާއެކު މިސީޒަނުގައި ޑިބްރޭނާ ޖެހި ގޯލްގެ އަދަދު ވަނީ 19 އަށް އަރައިފައެވެ. ސީޒަނުގެ ކުރީކޮޅު އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލުނު ނަމަވެސް އެނބުރި އައިސް އޭނާ ވަނީ ތަފާތު ދައްކައި ލީގުގެ އެއްވަނައިގައި ސިޓީގެ މަގާމު ދެމެހެއްޓުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.

ރޭގެ މެޗުގައި ޑިބްރޭނާ ދެއްކި މޮޅު ކުޅުމާއެކު އޭނާ އަށް ތައުރީފުގެ ބަސްތައް އޮހިގެންދިޔައެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މިދިޔަ ދެ ތިން މަހުގައި ޑިބްރޭނާގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކަމަށާއި އޭނާ އަކީ ސީޒަނުގެ ދެވަނަ ބައިގައި ސިޓީ އަށް ނަތީޖާ ނެރެދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއާ ކަމަށެވެ.

" މިދިޔަ ދެ ތިން މަހުގައި ޑިބްރޭނާ ވަރަށް ތަފާތު. ޕްރިމިއަ ލީގުގައިވެސް އަދި ޗެމްޕިއަންސް ލީގުގައި ވެސް އޭނާ ތަފާތު ދެއްކި. އޭނާ އަކީ އަހަރެމެންގެ ކީ ޕްލޭޔަރު. އޭނާ ހަމައެކަނި ގޯލް ޖަހައި ގޯލު ޖަހަން ތަނަވަސްކޮށްދޭ ތަންކޮޅު އެކަންޏެއް ނޫން. މި ނޫނަސް ދަނޑުމަތީގަ ޑިބްރޭނާ ޓީމަށް ވަރަށް އެހީވެދޭ. އޭނާ އަބަދުވެސް އެދެނީ ޓީމަށް އެންމެ މޮޅު ގޮތް. އެއީ އަހަރެން ހިތްހަމަޖެހޭ ކަމެއް، " ގާޑިއޯލާ ބުންޏެވެ.

ސިޓީ ލީގު ތަށި ހޯދައިފިނަމަ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ޑިބްރޭނާ އަށް ލިބުން ގާތެވެ. އޭނާ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި މަގާމު ހޯދައިފައެވެ. މި މަގާމަށް ޑި ބްރޭނާ އާ އެންމެ ބޮޑަށް ވާދަކުރަނީ ލިވަޕޫލްގެ ދެ ފޯވަޑުން ކަމަށްވާ މުހައްމަދު ސަލާހު އާއި ސާޑިއޯ މާނޭއެވެ.

ކިޔުންތެރިންގެ ހިޔާލު