ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވިއްކާލަން އެ ކްލަބުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑި ޔޯން އަކީ ބާސާގެ ލެޖެންޑް އަންދްރެސް އިނިއެސްޓާގެ ފަހުން ޓީމުގެ މިޑްފީލްޑަށް ކުރިމަތިވި ހުސްކަން ފިލުވަން ގެނައި ކުޅުންތެރިއެކެވެ. އުމުރުން މިހާރު 25 އަހަރުގެ މިޑްފީލްޑަރު މީގެ ތިން އަހަރު ކުރިން ނެދަލެންޑްސްގެ އަޔެކްސް އިން ބާސާ އާ ގުޅުނީ 75 މިލިއަން ޔޫރޯގެ ފީއެއްގެ ދަށުންނެވެ. އަހަރަކު 12 މިލިއަން ޔޫރޯގެ މުސާރައެއް ދޭ ގޮތަށް ބާސާ އިން ޑި ޔޯން އަށް ދިން ކޮންޓްރެކްޓް ހަމަވާނީ 2026 ގަ އެވެ.

އިނިއެސްޓާގެ ރިޕްލޭސްމެންޓްގެ ގޮތުގައި ގެނައި ޑި ޔޯން އަށް އަޔެކްސްގައި އޭނާ ދެއްކި ޖާދޫއެއް ބާސާގައި ނުދެއްކުނެވެ. އަނެއްކޮޅުން ބާސާ އަށް ދިމާވެފައިވާ މާލީ އަނދަވަޅުން ކްލަބު ސަލާމަތްކުރުމަށް ޑި ޔޯން ވިއްކާލުމަކީ ކްލަބުން ގެންގުޅޭ އޮޕްޝަނެއް ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން 50 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އޮފާ ތަކަށް މަޝްވަރާގެ މޭޒަށް އައުމަށް ބާސާ އޮތީ ތައްޔާރަށެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް ޑި ޔޯން އަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މެންޗެސްޓަ ޔުނައިޓެޑުންނެވެ. ވަކިން ހާއްސަކޮށް ޔުނައިޓެޑުގެ ކޯޗަކަށް އަޔެކްސްގައި ޑި ޔޯން އަށް އިރުޝާދު ދިން އެރިކް ޓެން ހާގު ހަމައްޖެއްސި ހިސާބުން އޭނާ އަށް ޔުނައިޓެޑުން ވަނީ ފާރަލާން ފަށައިފައެވެ. ބާސާގެ ސަމާލުކަން ވެސް ޑި ޔޯން އަށް ލިބުނީ ޓެން ހާގުގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް 2019 ގައި އަޔެކްސް ކުރި ދަތުރުގައި ޑި ޔޯން ދެއްކި މޮޅު ކުޅުމަށްފަހުއެވެ.