އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލް ބަލިކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އުއްމީދު ޓޮޓެންހަމުން އާކޮށްފިއެވެ.

ޓޮޓެންހަމުން ރޭގެ މެޗު ކާމިޔާބުކުރީ 3-0 އިންނެވެ. މި މެޗުން މޮޅުވެގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އާސެނަލް އަށް އޮތެވެ. އެހެންނަމަވެސް މި ނަތީޖާއާއެކު އެ ޓީމަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. ލީގުގައި ދެ ޓީމަށްވެސް ބާކީ ދެ މެޗު އޮތްއިރު އާސެނަލް އަށް އަދިވެސް އަމިއްލަ ބާރުގައި ގަދަ ހަތަރެއްގައި ނިންމާލުމުގެ ފުރުސަތު އެބައޮތެވެ. އާސެނަލް އޮތީ ޓޮޓެންހަމަށްވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެން މުޅިއެކު 66 ޕޮއިންޓާއެކު ހަތަރު ވަނަގައިގައެވެ. ބާކީ އޮތް ދެ މެޗުން މޮޅުވެގެން ޓޮޓެންހަމުން ނެރޭ ނަތީޖާތަކަށް ބުރަނުވެ އާސެނަލް އަށް ގަދަ ހަތަރެއްގައި ނިންމާލެވޭނެ އެވެ.

ރޭގެ މެޗުގައި ޓޮޓެންހަމުން އާސެނަލް ކޮޅަށް ޖެހި ފުރަތަމަ ގޯލް މެޗުގެ 22 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން ޖެހީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ ޓޮޓެންހަމްގެ ސޮން ހިއުން މިން އަށް އާސެނަލްގެ ޑިފެންޑަރު ސެޑްރިކް ސޯރެސް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

މެޗުގައި އާސެނަލް އިތުރަށް އަޑިއަޅާލީ 33 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ރޮބް ހޯލްޑިންގް އަށް ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ އާސެނަލް ކޮޅަށް އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ގޯލް ވެސް ޖެހީ ކޭން އެވެ.

ޓޮޓެންހަމްގެ ތިންވަނަ ގޯލް މެޗުގެ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ޖެހީ މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮން އެވެ. މިއީ ސޮން ލީގުގައި ޖެހި 21 ވަނަ ގޯލެވެ. ރަން ބޫޓަށް ސޮން ވާދަކުރަމުން އަންނައިރު އޭނާ އަށް ވުރެ ކުރީގައި އޮތީ 22 ގޯލާއެކު ލިވަޕޫލްގެ މިސްރު ފޯވަޑް މުހައްމަދު ސަލާހު އެވެ.

އާސެނަލް އަށް ދެން ލީގުގައި އޮތީ ނިއުކާސަލް ޔުނައިޓެޑާއި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ޓޮޓެންހަމަށް ބާކީ އޮތީ ބާންލީއާ ކުޅޭ މެޗާއި ނޯވިޗް ސިޓީއާ ބައްދަލުކުރާ މެޗެވެ.