ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ތާވަލުގެ ފުލުގައި އޮތް ލެވަންޓޭއާ ވާދަކުރި މެޗު 6-0 އިން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

މި މެޗާ ކުރިމަތިލިއިރު ރެއާލަށް އޮތީ ލީގު ކަށަވަރުވެފައެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށްވެސް ދެ މެޗު އޮތްއިރު ރެއާލަށް ވަނީ 84 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި 72 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު ތިންވަނައިގައި އޮތީ 67 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ. ހަތަރުވަނައިގައި ސެވިއްޔާ އޮތީ 66 ޕޮއިންޓާއެކުއެވެ.

ރޭ ލެވަންޓޭ ކޮޅަށް ރެއާލުން ޖެހި ހަ ގޯލުގެ ތެރެއިން ހަތަރު ގޯލް އެޓީމުން ޖެހީ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ގޯލް ލޫކާ މޮޑްރިޗުގެ އެހީއާއެކު ފާލަންޑް މެންޑީ ޖެހިއިރު ދެވަނަ ގޯލް ޖެހީ ވިނިޝިއަސް ނެގި ހުރަހަކުން ކަރިމް ބެންޒެމާ އެވެ. މިއީ ބެންޒެމާ ރެއާލަށް ޖަހައިދިން 323 ވަނަ ގޯލެވެ. މިއާއެކު އޭނާ ވަނީ ރެއާލަށް ދެވަނަ އަށް އެންމެ ގިނަ ގޯލް ޖެހި ސްޕެއިންގެ ރައުލް ގޮންޒަލެޒްއާ އަރާ ހަމަކޮށްފައެވެ. ރެއާލަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވަނީ މުޅިއެކު 450 ގޯލާއެކު 2018 ވަނަ އަހަރު ރެއާލް ދޫކޮށްދިޔަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރޭގެ މެޗުގައި ރެއާލުން ޖެހި ތިންވަނަ ގޯލް ރޮޑްރީގޯ ޖެހިއިރު ހަތަރު ވަނަ ގޯލް ޖެހީ ވިނިޝިއަސް ޖޫނިއާ އެވެ. ބްރެޒިލްގެ ޒުވާން ދެ ފޯވަޑުން ގޯލް ޖެހީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވިނިޝިއަސް ވަނީ އިތުރު ދެ ގޯލް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ހެޓްރިކާއެކު ވިނިޝިއަސް ވަނީ މި ސީޒަނުގައި 17 ލީގު ގޯލް ޖަހައިފައެވެ.

ރެއާލަށް ލީގުގައި ބާކީ އޮތީ ރަށުން ބޭރުގައި ކާޑިޒްއާ ބައްދަލުކުރާ މެޗާއި އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ވާދަކުރާ މެޗެވެ. މި ދެ މެޗަށްފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މި މަހުގެ ފަހުކޮޅު އިންގްލަންޑުގެ ވަރުގަދަ ލިވަޕޫލާ ދެކޮޅަށް ރެއާލުން ނުކުންނާނެއެވެ.