މި ސީޒަނަށްފަހު ބަޔާން މިއުނިކް ދޫކޮށްލަން އެ ކްލަބަށް ކުޅެމުން އަންނަ ޕޮލަންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ ނިންމައިފިއެވެ.

ލެވަންޑޯސްކީ، 33، ބަޔާނާއެކު ހަދާފައިވާ ކޮންޓްރެކުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ކޮންޓްރެކްޓް އާ ކުރަން ބަޔާނުން މަސަތްކަތް ކުރަމުން އަންނަ ނަމަވެސް އެއްބަސްވުން އާ ކުރަން އޭނާ ވަނީ ދެކޮޅު ހަދައިފައެވެ. އަދި މި ސީޒަނަށް ފަހު ކްލަބް ބަދަލުވާން ބޭނުންވާކަން ބަޔާންގެ މެނޭޖްމަންޓަށް އޭނާ ވަނީ އަންގައިފަ އެވެ.

މި ފަހަރުގެ ބާޒާރުގައި ލެވަންޑޯސްކީގެ ކޮންޓްރެކްޓު އާ ނުކޮށްފިނަމަ އަންނަ އަހަރު އެއްވެސް ފީ އަކާ ނުލައި ބަޔާނުން ޖެހޭނީ އޭނާ ދޫކޮށްލާށެވެ. ރިޕޯޓުތައް ބުނާގޮތުން ލެވަންޑޯސްކީ ބަދަލުވާން ބޭނުންވަނީ ސްޕެއިންގެ ބާސެލޯނާ އަށެވެ. ސީޒަން ނިމުމުން ބާސާ އަށް ބަދަލުވާން އެ ކްލަބާއެކު ލެވަންޑޯސްކީ އަނގަ ބަހުން އެއްބަސްވެފައިވާއިރު ބާސާ އިން އޭނާ އަށް ހުށަހަޅާފައިވާނީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް "ފީފާ" އިން ދޭ އެވޯޑު އެންމެ ފަހުން ޙާސިލްކުރި ލެވަންޑޯސްކީ ގެނައުމަށް ބަޔާނަށް 40 މިލިއަން ޕައުންޑް ދޭން ބާސާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަރުމަނުގެ ޑޯޓްމަންޑުން ލެވަންޑޯސްކީ ބަޔާނަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. ބަޔާނާއެކު ހޭދަކުރި އަށް ސީޒަނުގައި އޭނާ ވަނީ ކްލަބަށް 340 އަށް ވުރެ ގިނަ ގޯލް ޖަހައިދީފައެވެ. ބަޔާނާއެކު ލެވަންޑޯސްކީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށް ޖަރުމަން ލީގު އަށް ފަހަރު ކާމިޔާބުކޮށްފައެވެ.