ކުރިޔަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ލިވަޕޫލް އިން ވަނީ މިޓްރާންސްފާ ވިންޑޯ ގައި ގިނަ ކުޅުންތެރިން ގެނެސްފައެވެ. މީގެ ތެރޭގައި ކުރީގެ ކުޅުންތެރިންގެ އެއްބަސްވުން އިތުރު ކުރުންވެސް ހިމެނެއެވެ.

ޔާޔެން ކްލޮޕް ވަނީ މިހާތަނަށް ފުޓުބޯޅައިގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ލިވަޕޫލް އަށް ގެނެސްފައެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ބްރެޒިލްގެ ކީޕަރު، އެލިސަން، ފެބީނިއޯ، ނަބީ ކެއިޓާ ހިމެނެއެވެ.

ކުރީގެ ކުޅުންތެރިންގެ ތެރެއިން އެއްބަސްވުން އިތުރަށް ދިގު ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ރޮބާޓޯ ފަމީނިއޯ އަދި ލިވަޕޫލްގައި މިދިޔަ ސީޒަނުގައި ވިދާލި ތަރި، މުހައްމަދު ސަލާހު ހިމެނެއެވެ. ނަމަވެސް ގިނަ ލިވަޕޫލް ސަޕޯޓަރުން ބޭނުންވާ އެއް ކުޅުންތެރިއެއް އަދިވެސް އެއްބަސްވުން އާކޮށްފައި ނުވެއެވެ.

އޭޕްރިލް މަހު ފަމީނިއޯގެ އެއްބަސްވުން ދިގު ކުރިއިރު ޖުލައި މަހު ސަލާހު ވަނީ އޭނާގެ އެއްބަސްވުން ދިގު ކޮށްފައެވެ. ހަމަ އެހެންމެ ގިނަ ސަޕޯޓަރުންގެ ސުވާލަކަށް ވަނީ ސާދިއޯ މާނޭ އެއްބަސްވުން އާކޮށްފައި ނުވަނީ ކީއްވެގެން ތޯއެވެ. ޖޯ ޔޫކޭގެ ފުޓުބޯޅަ ނޫސްވެރިއެއް ކަމަށްވާ މެލިސާ ރެޑީ ޓްވިޓާގައި ކޮށްފައިވާ ޕޯސްޓަކުން ހާމަ ވާގޮތުގައި ކުރިޔަށް އޮތް ދުވަސް ތަކުގައި ސާދިއޯ މާނޭ ވެސް ލިވަޕޫލް އާއި އެކު އެއްބަސްވުން ދިގު ކުރާނެއެވެ.

މިއީ މާނޭ އަށް އުފާވެރި ހަބަރަކަށް ވާއިރު މިދިޔަ ހަފްތާގައި ލިވަޕޫލް އިން ވަނީ ސާދިއޯ މާނޭގެ ނަމްބަރު ބަދަލު ކޮށްފައެވެ. ކުރިޔަށް އޮތް ސީޒަނުގައި މާނޭ ފެނިގެން ދާނީ ލިވަޕޫލްގެ 10 ނަމްބަރުގައެވެ. މާނޭގެ އިތުރުން ސަލާހުގެ އެއްބަސްވުން ދިގު ކުރިއިރު މިދިޔަ ސީޒަނުގައި ސަލާހު ވަނީ ލިވަޕޫލް އަށް 44 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ހަމަ އެހެންމެ އޭނާ ވަނީ ޕްރެމިއާރ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައި، ޕީއެފްއޭ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

 

ރޯމާ އިން 36.9 މިލިއަން ޕައުންޑަށް ލިވަޕޫލް އަށް ބަދަލުވި ސަލާހުގެ މުސާރަ މިހާރު ހަފްތާ އަކު 100،000 ޕައުންޑަށް ބޮޑު ވެފައިވާ ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.