އިނގިރޭސި ލީގުގެ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ނޮމިނޭޓް ވެފައިވާ ކުޅުންތެރިންތައް އިއުލާނުކޮށްފިއެވެ.

ޕްރިމިއަ ލީގަކީ ދުނިޔޭގެ އެންމެ ފޯރިގަދަ އަދި އެންމެ މަގުބޫލު ލީގަށްވާއިރު ކޮންމެ ސީޒަނެއްގެ ވެސް މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވޭ ކުޅުންތެރިއަކާމެދު ހޫނު ބަހުސެއް ކުރެވެއެވެ. އެފްއޭ އިން މިއަދު ނެރެފައިވާ އެ މަގާމަށް ނޮމިނޭޓް ވެފައިވާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނެނީ ލިވަޕޫލްގެ މުހައްމަދު ސަލާހް، އަލެގްޒަންޑާ އާނޯލްޑް އާއި މެންޗެސްޓަ ސިޓީގެ ކެވިން ޑިބްރޭނާ، ޔާއޯ ކާންސެލޯ އާއި ސައުތެމްޓަންގެ ޖޭމްސް ވާޑް ޕްރައުސް އާއި ވެސްޓް ހަމް ޔުނައިޓެޑުގެ ޖެރޮޑް ބޮވެން އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ ސޮން ހިއުން މިންގެ އިތުރުން އާސެނަލްގެ ޒުވާން ތަރި ބުކާޔޯ ސަކާ އެވެ.

ނޮމިނޭޓް ވެފައި ކުޅުންތެރިންގެ ތެރެއިން އެވޯޑަށް އެންމެ ބޮޑަށް ވާދަކުރަނީ ޑިބްރޭނާ އަދި ސަލާހުގެ އިތުރުން ސޮން އެވެ. މީގެ ތެރެއިން 22 ގޯލާއެކު ލަނޑު ލިސްޓުގެ ކުރީގައި އޮތީ ސަލާހު އެވެ. އެސިސްޓު ޗާޓުގައިވެސް ސަލާހު އޮތީ އެއްވަނައިގައެވެ.

ސިޓީގެ މިޑްފީލްޑަރު ޑިބްރޭނާ ވަނީ ލީގުގައި 15 ގޯލް ޖަހައިފައެވެ. އަނެއްކޮޅުން ސިޓީން ޖެހިޖެހިގެން ދެވަނަ ލީގު ތަށި ކަށަވަރު ކުރުމާ ގާތަށް ޖެހިލާފައިވައިރު އެ ކާމިޔާބީގެ ފަހަތުގައި ހުރީ ޑިބްރޭނާ އެވެ. ހާއްސަކޮށް ވަރުގަދަ ޓީމުތަކާ ވާދަކުރި މެޗުތަކުގައި އޭނާ ވަނީ ތަފާތު ދައްކައިފައެވެ.

އެވޯޑަށް ދެން ވާދަކުރާ ޓޮޓެންހަމުގެ ސޮން އަށް މިސީޒަން އިންޑިވިޖުއަލީ ކާމިޔާބެވެ. ސަލާހު އަށް ވުރެ އެއް ގޯލް މަދުން 21 ގޯލާއެކު ލަނޑު ލިސްޓުގެ ދެވަނައިގައި ސޮން އޮތްއިރު ބާކީ ދެ މެޗުން ސަލާހު ވައްޓާލައި ރަން ބޫޓު ހޯދުމުގެ ފުރުސަތު ސޮން އަށް އެބައޮތެވެ. ޓޮޓެންހަމަށް ދެން އޮތީ ފަސޭހަ ދެ މެޗަށްވެފައި ސޮން އަކީ މިވަގުތު ލީގުގައި ހުރި އެންމެ ފޯމް ރަނގަޅު ކުޅުންތެރިއާ އެވެ.

ޕްރިމިއަ ލީގުގެ މޮޅު ކުޅުންތެރިއާގެ އެވޯޑު ހޮވަނީ ސަޕޯޓަރުންގެ ވޯޓާއި ލީގުގައި ވާދަކުރާ 20 ޓީމުގެ ކެޕްޓަނުންގެ ވޯޓާއި އެކުލަވާލެވޭ ޙާއްސަ ޕެނަލެއްގެ ޓީމަކުން ދޭ ވޯޓުތަކުންނެވެ. ނޮމިނޭޓް ވެފައިވާ ކުޅުންތެރިންގެ ތެރެއިން ސަލާހު އަދި ޑިބްރޭނާ ވަނީ މީގެ ކުރިން މި އެވޯޑް އެއްފަހަރު ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޮގުބާ

    ކާފަރަކަށް ތިދޭނީ

    5
    7
  2. ފައިކް

    އިންސާﷲ ކެވިން ޑިބްރޭނާ... ވިން

    8
    7
  3. ފައިކެ

    އިރާދަ ކުރެއްވިޔާމު ކެވިން ޑިބްރޭނާ މިފަހަރު ޕލ އެވޯޑް ކާމިޔާބު ކުރާނެ

    8
    7
  4. ޢިނާ

    ޑިބްރޭން އަށް ލިބޭނެ ކަމާމެދަކު ނެތް ސައްކެތް

    7
    4