އިންގްލަންޑުގެ މެންޗެސްޓަ ޔުނައިޓެޑުގެ ކޯޗަކަށް ދާދި ފަހުން ހަމަޖެއްސި އެރިކް ޓެން ހާގް ބޭނުންވާ ގޮތަށް ކްލަބު ބައްޓަން ކުރުމަށް އޭނާ އަށް ވަގުތު ދޭން ޖެހޭ ކަމަށް ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މިހާރު ނެދަލެންޑްސްގެ ގަދަ ބާރު އަޔެކްސްގެ ކޯޗަކަށް ހުރި ޓެން ހާގް ސީޒަން ނިމުމުން ޔުނައިޓެޑާ ހަވާލުވާނެ އެވެ. އަޔެކްސްއާއެކު މިދިޔަ ހަފުތާގައި ނެދަލެންޑްސްގެ ލީގު އުފުލާލި ޓެން ހާގަށް އެ ކާމިޔާބީ ޔުނައިޓެޑުގައި ތަކުރާރު ކުރަން ފަސޭހައެއް ނުވާނެއެވެ. ގަދަ ހަތަރަކުން ކަޓައި ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިފައިވާއިރު ޔޫރަޕުގެ ދެވަނަ ފަންތީގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގަށް ކޮލިފައިނުވުމުގެ ބިރު ވެސް އެ ޓީމަށް އެބައޮތެވެ.

ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ލެޖެންޑަރީ ފޯވަޑް ރޮނާލްޑޯ ބުނީ ނާޒުކު ފައްތަރެއްގައި އޮތް ޔުނައިޓެޑާ ހަވާލުވެ އެ ކްލަބުގައި ހަމައަކަށް އެޅެން ޓެން ހާގަށް ވަގުތު ބޭނުންވާނެ ކަމަށާއި ޔުނައިޓެޑުގެ މެނޭޖްމަންޓާއި ކުޅުންތެރިން އަދި ސަޕޯޓަރުން ވެސް އޭނާ އަށް އެ ވަގުތު ދޭން ޖެހޭ ކަމަށެވެ. އަދި ޓެން ހާގު ކަހަލަ މޮޅު ކޯޗެއް ޔުނައިޓެޑަށް އަންނާތީ އެ ކްލަބުގެ ކުޅުންތެރިން ތިބީ އުފަލުން ކަމަށާއި އެންމެންވެސް ތިބީ އޭނާ އާއެކު އަންނަ ސީޒަނުގައި ތަށި ހޯދޭނެ ކަމުގެ އުއްމީދުގައި ކަމަށް ރޮނާލްޑޯ ބުންޏެވެ.

" އަހަންނަށް ޓެން ހާގާ ބެހޭގޮތުން އިނގޭ އެއްޗަކީ އަޔެކްސްގައި އޭނާގެ ފެންވަރު ދައްކާފައިވާކަން. އޭނާ އަކީ ތަޖުރިބާ ހުރި ކޯޗެއް. އެކަމަކު އަހަރެމެން އެބަޖެހޭ ޔުނައިޓެޑ ހަމައަކަށް އަޅުވަން އޭނާ އަށް ވަގުތު ދޭން. އޭނާ ބޭނުންވާ ގޮތަށް ކަންތައްތައް ބަދަލުވާން ޖެހޭ މި ކްލަބުގައި. އަހަރެމެން މިތިބީ އުފަލުން. ހަމައެކަނި ކުޅުންތެރިންނަށްވާތީ އެއް ނޫން. މިހެން މިބުނަނީ ސަޕޯޓަރެއްގެވެސް ގޮތުގައި. އަހަރެން ޓެން ހާގަށް އެދެނީ ރަނގަޅު އޮތް. ގަބޫލުކުރަނީ އަންނަ ސީޒަނުގައި ޔުނައިޓެޑުން ތަށި ހޯދާނެ ކަމަށް، " ރޮނާލްޑޯ ބުންޏެވެ.

ޔުނައިޓެޑުން އެންމެ ފަހުން ޕްރިމިއަ ލީގް ކާމިޔާބުކުރީ ސަރ އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން ތަށި ހޯދި ފަހުން މިވީ ފަސް އަހަރުގެ ތެރޭގައި އެ ކްލަބަށް ތައްޓެއް ނުލިބެއެވެ. ނަތީޖާތައް ދަށްވެ އެންމެ ފަހުން ޗެމްޕިއަންސް ލީގުން ވެސް ފުރުސަތު ގެއްލިފައިވާ ޔުނައިޓެޑަށް މިސީޒަނުގައި ލީގުގައި އެންމެ މަތިން ވެސް ނިންމާލެވެން އޮތީ ހަވަނަ މަގާމުގައެވެ.

ޓެން ހާގް ޔުނައިޓެޑާ ހަވާލުވާނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އަދި ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ. މިވަގުތު ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ރަލްފް ރަންގްނިކް މި ސީޒަން ނިމުމުން ބަދަލުވާނީ ޔުނައިޓެޑްގެ އެޑްވައިޒަރީ ރޯލަކަށެވެ.