މެންޗެސްޓަ ޔުނައިޓެޑް އަދި ލިވަޕޫލް އަކީ އިނގިރޭސި ފުޓްބޯޅައިގެ ދެ ބާރެވެ. ދިގު މާޒީއެއް އެއް އޮތް ދެ ކްލަބެވެ. އިނގިރޭސިވިލާތުގައި އެންމެ ސަޕޯޓަރުން ގިނަ ދެ ކްލަބެވެ. ސްޕެއިންގައި ބާސެލޯނާ އަދި ރެއާލް މެޑްރިޑްގެ ސަޕޯޓަރުން އެއް ގަލަކަށް ނާރާހެން ޔުނައިޓެޑް އަދި ލިވަޕޫލް ސަޕޯޓަރުންނަކީ ފުޓްބޯޅަ ދުނިޔޭގައި ހަތުރުންނެވެ. އިނގިރޭސި ފުޓްބޯޅައިގެ އެންމެ ބޮޑު ދެ ވާދަވެރިންގެ ގޮތުގައި މަޝްހޫރު މި ދެ ކްލަބުގެ ސަޕޯޓަރުންގެ ދެމެދުގައި އަބަދުވެސް ކުރެވޭ ބަހުސެއް އޮވެއެވެ. ޔުނައިޓެޑާއި ލިވަޕޫލްކުރެ އެންމެ ކާމިޔާބީ ކޮން ކްލަބެއްކަމާ މެދު ކުރެވޭ ބަހުސެވެ.

ޔުނައިޓެޑާއި ލިވަޕޫލްގެ ވާދަވެރިކަން ބޮޑަށް ހޫނު ވެގެންއައީ 1970 ގެ ދުވަސްވަރުގައެވެ. އިނގިރޭސި ދެވަނަ ޑިވިޝަނަށް ވެއްޓުމަށްފަހު 1963 ގައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ ލިވަޕޫލުން ވަނީ 1992 ވަނަ އަހަރާ ދެމެދު ގިނަ ގުނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ދުވަސްވަރު ލިވަޕޫލުން ހޯދަމުން އައި ކާމިޔާބީތަކުގެ ހިޔަނީގައި ޔުނައިޓެޑް އޮތްއިރު ލިވަޕޫލުން ވަނީ އެ މުއްދަތުގައި 11 ފަހަރު ލީގު އަދި ޔޫރަޕުގެ 7 މުބާރާތެއް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ވެސް އެހެނިހެން 19 ތައްޓެއް މި މުއްދަތުގައި ލިވަޕޫލުން ހޯދިއެވެ. ލިވަޕޫލުން ތައްޓަކަށްފަހު ތައްޓެއް ހޯދައި ގައުމުގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކްލަބުގެ ގޮތުގައި އެ ޓީމުގެ ނަން ފަވާލަމުން ދިޔައިރު ޔުނައިޓެޑަށް އެ މުއްދަތުގައި ކާމިޔާބުކުރެވުނުހާ ވެސް އެއްޗަކީ ދެތިން ޑޮމެސްޓިކް ތައްޓެވެ.

1967 ވަނަ އަހަރު ލީގު ތަށި ކާމިޔާބު ކުރުމަށްފަހު ލީގު ނުނަގައި 26 އަހަރު ވީ ފަހުން ޔުނައިޓެޑު އެނބުރި މަތީ ފަންތިއަށް ގެންގޮސްދިނީ 1986 ވަނަ އަހަރު ޔުނައިޓެޑާ ހަވާލުވި ސްކޮޓްލެންޑުގެ ލެޖެންޑަރީ ކޯޗް ސަރ އެލެކްސް ފާގަސަން އެވެ. ފާގަސަންގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ 26 އަހަރަށް ފަހު ފުރަތަމަ ފަހަރަށް 1993 ގައި ލީގު ތަށި އުފުލާލައިފައެވެ. މި ކާމިޔާބީ ވެގެންދިޔައީ ލިވަޕޫލްގެ މައްޗަށް ޔުނައިޓެޑުން އަތްގަދަ ކުރުމުގެ ފެށުމަށެވެ. ފާގަސަންގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން 13 ފަހަރު ލީގު އުފުލާލިއިރު ދެ ފަހަރު ޗެމްޕިއަންސް ލީގު ނެގި އެވެ.

ޔުނައިޓެޑާ ހަވާލުވެހުރެ ފާގަސަންގެ އަމާޒަކަށްވީ އިންގްލަންޑުގެ ފުޓްބޯޅައިގެ ރަސްކަމުން ލިވަޕޫލް ވައްޓާލައި ޔުނައިޓެޑް އެ މަގާމަށް އެރުވުމެވެ. 2013 ވަނަ އަހަރު ކްލަބާ ވަކިވިއިރު އޭނާ ވަނީ އެކަން ގާތްގަނޑަކަށް ހާސިލް ކޮށްފައެވެ. ފާގަސަންގެ ކުރިން 18 ފަހަރު ލީގު ނަގާފައި އޮތް ލިވަޕޫލް އަޑިއަޅާލައި ލީގު ނުނެގި 30 އަހަރު ވެގެންދިޔައިރު ޔުނައިޓެޑުން އައީ ތަށީގެ ގޮތުން ލިވަޕޫލާ އަރާ ހަމަ ކުރަމުންނެވެ.

70ގެ ދުވަސްވަރު ލިވަޕޫލުން ރަސްކަން ކުރި ގޮތަށް ފާގަސަން އެރާ ގައި އިނގިރޭސިވިލާތުގެ ފުޓްބޯޅައިގައި ޔުނައިޓެޑް އޮތީ އެހެން ޓީމުތަކަށް ވުރެ މާ ބޮޑަށް އުހުގައެވެ. މި ދުވަސްވަރު ލިވަޕޫލަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 2001 ގައި ހޯދި ޓްރެބަލް އާއި ސް2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. ލިވަޕޫލުން 2012 ވަނަ އަހަރުގެ ލީގް ކަޕް ވެސް ހޯދިއެވެ. އެހެންނަމަވެސް، އެ މުއްދަތުގައި ލީގުގައި ލިވަޕޫލަށް އޮތީ ޔުނައިޓެޑުގެ ހިޔަނި އެޅިފައެވެ. 26 އަހަރު ވަންދެން ޔުނައިޓެޑަށް ޔުނައިޓެޑަށް އިރުޝާދު ދިނުމަށްފަހު ފާގަސަން ޔުނައިޓެޑާ އަލްވަދާއުކީ ލިވަޕޫލް ވައްޓާލައި އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ އެންމެ ކާމިޔާބު ކްލަބަށް ޔުނައިޓެޑް ހަދައިދީފައެވެ. އެހެންނަމަވެސް، އޭނާ އަށް ނުވި ކަމަކީ ޔޫރަޕުގައި ލިވަޕޫލް ވައްޓާނުލެވުމެވެ.

ފުރަތަމަ ޑިވިޝަނުގެ އެންމެ ކާމިޔާބު ކްލަބުގެ ގޮތުގައި ޔުނައިޓެޑް އޮތް ނަމަވެސް ޔޫރަޕުގައި ލިވަޕޫލް އޮތީ އަތްލެވޭހާ ކައިރިއަކު ވެސް ނޫނެވެ. ޔުނައިޓެޑުން ތިން ފަހަރު ޗެމްޕިއަންސް ލީގު ނެގިއިރު ލިވަޕޫލުން ވަނީ 2019 ވަނަ އަހަރު ހޯދި ތައްޓާއެކު ހަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ލިވަޕޫލުން ތިން ފަހަރު ޔުރޮޕާ ލީގު ނަގާފައިވާއިރު ޔުނައިޓެޑަށް ހޯދިފައިވަނީ މީގެ އެންމެ ތައްޓެކެވެ.

އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބަކީ ކޮން ކްލަބެއްހޭ މީހަކު ސުވާލުކޮށްފިނަމަ އެކި މީހުން ދޭނީ އެކި ޖަވާބެވެ. ޔުނައިޓެޑުގެ ސަޕޯޓަރުންގެ ޖަވާބަކަށް އަންނާނީ ޔުނައިޓެޑެވެ. ލިވަޕޫލް ސަޕޯޓަރުންނަށް ލިވަޕޫލެވެ. މިކަމުގެ ހަގީގަތަކީ ކޮބާ ހެއްޔެވެ؟ ޖަވާބަކީ ކޮމިއުނިޓީ ޝީލްޑެވެ.

ކޮމިއުނިޓީ ޝީލްޑަކީ ޕްރިމިއަ ލީގް ސީޒަން ފެށުމުގެ ކުރިން ކުޅޭ ހާއްސަ މެޗެކެވެ. މި މެޗުގައި ވާދަކުރަނީ އޭގެ ކުރީ ސީޒަނުގެ ލީގު ޗެމްޕިއަނުންނާއި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދާ ޓީމެވެ. ޔުނައިޓެޑުގެ ކެބިނެޓުގައި 21 ކޮމިއުނިޓީ ޝީލްޑް އެބައިނެވެ. ލިވަޕޫލް އަތުގައި އިނީ 15 އެވެ. ކޮމިއުނިޓީ ޝިލްޑް ނުލައި މި ދެ ޓީމް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާނަމަ ކުރީގައި އޮތީ ޔުނައިޓެޑަށްވުރެ އިތުރަށް ފަސް ތަށި ހޯދައިގެން މުޅިއެކު 50 ތައްޓާއެކު ލިވަޕޫލެވެ. އެހެންނަމަވެސް، ކޮމިއުނިޓީ ޝީލްޑް ލައިގެން ނަމަ 66 ތައްޓާއެކު ކުރި ލިބެނީ ޔުނައިޓެޑަށެވެ. ލިވަޕޫލަށް ލިބެނީ 65 އެކެވެ. އެހެންކަމުން ސުވާލަކީ ޔޫކޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމް ބަލަނީ ކޮމިއުނިޓީ ޝީލްޑް ލައިގެންތޯ ނުވަތަ ނޫންތޯއެވެ؟

ކޮމިއުނިޓީ ޝީލްޑަކީ ބޮޑު ތައްޓެއް ނުވަތަ ގުނާލެވޭ ތައްޓެއް ކަމާމެދު ފުޓްބޯޅަ ފޭނުންގެ މެދުގައި ބަހުސް ކުރެވެ އެވެ. ހާއްސަކޮށް ލިވަޕޫލާއި ޔުނައިޓެޑުގެ ސަޕޯޓަރުންގެ ދެމެދުގައެވެ. މި މެޗުގައި ކުޅުންތެރިން ހޯދާ ކާޑު ތަކަކީ ސީޒަނުގައި ކައުންޓް ކުރެވޭ އެއްޗެއް ނޫނެވެ. ބައެއް މީހުން ދެކޭގޮތުގައި އިނގިރޭސި އެފްއޭ ކަޕާއި ލީގު ކަޕާއި އަޅާކިޔާއިރު ކޮމިއުނިޓީ ޝީލްޑަކީ ހައިބަތުގެ ގޮތުން ދަށް ތައްޓެވެ. އެހެންނަމަވެސް އިނގިރޭސި ފުޓްބޯޅައިގެ މައި އިދާރާ އިން ކަނޑައަޅާފައި އޮންނަ ގޮތުން ކޮމިއުނިޓީ ޝީލްޑަކީ ކައުންޓް ކުރެވޭ " މޭޖާ ޓްރޮފީ " އެކެވެ. މިހެން ބަލާކަމުގައިވަނީނަމަ އަދިވެސް ޔޫކޭގެ އެންމެ ކާމިޔާބު ޓީމަކީ އެއް ތަށީގެ ފަރަގުން ޔުނައިޓެޑެވެ. އެހެންނަމަވެސް، މިކަން ވަރަށް އަވަހަށް ބަދަލުވުން އެކަށިގެންވެއެވެ.

މިސީޒަނުގައި ތައްޓެއް ނެގުމުގެ ފުރުސަތެއް ޔުނައިޓެޑަށް ނެތްއިރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލުން މި މަހުގެ ފަހުކޮޅު ސްޕެއިންގެ ރެއާލް މެޑްރިޑާ ވާދަކުރާނެ އެވެ. ޗެމްޕިއަންސް ލީގު ނަގާ ޓީމަކަށް ކްލަބް ވޯލްޑް ކަޕާއި ޔޫރަޕިއަން ސުޕަ ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން އެފްއޭ ކަޕުގެ ޗެމްޕިއަނުންގެ ގޮތުގައި ކުރިއަށް އޮތް ސީޒަނުގެ ކޮމިއުނިޓީ ޝީލްޑް މެޗުގައި ވާދަކުރުމުގެ ފުރުސަތު ވެސް ލިވަޕޫލަށް ވަނީ ލިބިފައެވެ.

އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބުގެ ބަހުސަށް ދެ ޓީމުގެ ސަޕޯޓަރުންވެސް ދޭނީ ދެ ޖަވާބެކެވެ. ދެ ޓީމުން ވެސް ދެބަސްނުވާނެ ކަމަކީ ޔޫރަޕުގައި ކުރި ލިބެނީ ލިވަޕޫލަށެވެ. އަދި ފުރަތަމަ ޑިވިޝަނުގައި މިވަގުތު ކުރީގައި އޮތީ ޔުނައިޓެޑެވެ.