ފްރެންޗް ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމް ޖެހިޖެހިގެން ތިން ވަރަށް ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ)ގެ ފްރާންސް ފޯވަޑް ކީލިއަން އެމްބާޕެ އަށް ލިބިއްޖެ އެވެ.

ނެޝަނަލް ޔޫނިއަން އޮފް ޕްރޮފެޝަނަލް ފުޓްބޯލް ޕްލޭޔާސް (ޔޫއެންއެފްޕީ)ގެ ފަރާތުން ދޭ ސީޒަނުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އެމްބާޕެ، 23، އާ ރޭ ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އޭނާއާ އެވޯޑު ހަވާލުކުރީ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ތިއެރީ ހެންރީ އެވެ.

މި ސީޒަނަކީ ޕީއެސްޖީ އަށް ނާކާމިޔާބު ސީޒަނެއް ނަމަވެސް މި ސީޒަނަކީ އަމިއްލަ ގޮތުން ބަލާއިރު އެމްބާޕެގެ ކެރިއަރުގައި މިހާތަނަށް ނިންމާލި އެންމެ ކާމިޔާބު ސީޒަނެވެ. 25 ގޯލާއެކު ލީގުގެ ރަން ބޫޓް ހޯދައި ޕީއެސްޖީއަށް ލީގު ހޯދައިދިނުމުގެ އިތުރުން އޭނާ ވަނީ ލީގުގައި 17 އެސިސްޓް ވެސް ހަދައިފައެވެ.

މިއީ މި އެވޯޑް އެމްބާޕެ ހޯދި ތިންވަނަ ފަހަރެވެ. ކޮވިޑާ ގުޅިގެން މި އެވޯޑް ހަފްލާ 2020 ވަނަ އަހަރު ބާއްވާފައިނުވާއިރު 2019 އަދި 2021ގައިވެސް މި އެވޯޑް ހޯދީ އެމްބާޕެ އެވެ.

ފްރެންޗް ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރެނޭގެ ބްރޫނޯ ގެނެސިއޯ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ޕީއެސްޖީގެ އިޓަލީ ކީޕަރު ގިއަންލުއީޖީ ޑޮންނަރުމާ ހޮވުނުއިރު ޒުވާން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮލިމްޕިކް މާސޭއަށް ކުޅެމުން އަންނަ 21 އަހަރުގެ ޑިފެންޑަރު ވިލިއަމް ސަލީބާ އެވެ.