ޖަރުމަން ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމް އާރުބީ ލެއިޕްޒިގަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވަޑް ކްރިސްޓޮފާ އެންކުންކޫ ހޯދައިފިއެވެ.

އެންކުންކޫ، 24، މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ބަޔާންގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އަދި ބޮރޫޝިއާ ޑޯޓްމަންޑްގެ އާލިންގް ބްރައުޓް ހާލަންޑާ ވާދަކޮށެވެ. ބުންޑެސްލީގާގައި މިފަހަރު ތަފާތު މޮޅު ކުޅުމެއް ދެއްކި ފްރާންސް ފޯވަޑް ވަނީ ލީގުގެ ޕްލޭޔަ އޮފް ދަ މަންތް އެވޯޑް މި ސީޒަނުގައި ރެކޯޑް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

އޭނާ ވަނީ ލީގުގައި ކުޅުނު 34 މެޗުގައި 20 ގޯލް ޖަހައި އިތުރު 13 ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. ސީޒަނުގެ ކުރީކޮޅު ލައިޕްޒިގުން ނެރުނު ދަށް ނަތީޖާތައް އަނބުރާލައި ޗެމްޕިއަންސް ލީގުގެ ޖާގައަކާއެކު ގަދަ ހަތަރެއްގައި އެ ޓީމް ނިންމާލުމުގައި އެންކުންކޫ ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ.

ޖަރުމަން ލީގުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ދޭން ފެށީ 2018-19 ވަނަ ސީޒަނުން ފެށިގެންނެވެ. އެވޯޑަށް ކުޅުންތެރިއަކު ހޮވަނީ ޓީމް އޮފް ދަ ސީޒަން ހޮވުމަށް ދޭ ވޯޓުންނާއި ކްލަބުތަކުގެ ވޯޓުންނާއި އެކަމަށްޓަކައި ހޮވާލެވޭ ހާއްސަ ޕެނަލަކުންދޭ ވޯޓުތަކުންނެވެ.

މިސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު އެންކުންކޫ އަށް ވަނީ ފްރާންސްގެ ގައުމީ ޓީމުން ވެސް ޖާގަ ލިބިފައެވެ. މިދިޔަ މާޗް މަހު ފްރާންސް ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުތަކަކަށް ނެގި ސްކޮޑުގައި ކޯޗް ޑިޑިއާ ޑެޝޯމްޕްސް ވަނީ އޭނާ ހިމަނައިފައެވެ. ގަތަރުގައި މި އަހަރު ފަހު ކޮޅު އޮންނަ ވޯލްޑް ކަޕަށް ފްރާންސުން ނަގާ ސްކޮޑުގައިވެސް އެންކުންކޫ ހިމެނުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު