ކްލަބު ދޫކޮށްލަން ބޭނުންވާކަން އިއުލާނުކޮށްފައިވާ ބަޔާން މިއުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ހޯދުމުގެ ރޭހަށް އިންގްލަންޑުގެ ޗެލްސީ އަރައިފިއެވެ.

ބަޔާނާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އޭނާ ވަނީ ކޮންޓްރެކްޓް އާ ނުކުރާނެކަން ކްލަބުގެ މެނޭޖްމަންޓަށް އަންގައިފައެވެ. މިފަހަރު ލެވަންޑޯސްކީ އާއެކު އާ އެއްބަސްވުމަށް ނާދެވިއްޖެނަމަ އަންނަ އަހަރު ބަޔާނުން އޭނާ ދޫކޮށްލަން ޖެހޭނީ އެއްވެސް އަގަކާ ނުލައެވެ. ބަޔާންގައި މަޑުނުކުރާނެކަން ލެވަންޑޯސްކީ ހާމަކޮށްފައިވާއިރު އޭނާ ހޯދުމަށް އެންމެ ގާތުން މަސަތްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ބާސެލޯނާ އިންނެވެ.

ރިޕޯޓުތައް ބުނާގޮތުން ބާސާ އޮތީ ލެވަންޑޯސްކީ ގެނައުމަށް 40 މިލިއަން ޕައުންޑް ބަޔާނަށް ދޭން ތައްޔާރަށެވެ.

ބާސާގެ އިތުރުން އިންގްލަންޑްގެ ޗެލްސީން ވެސް އަންނަނީ ލެވަންޑޯސްކީ އަށް ފާރަލަމުންނެވެ. ޗެލްސީގެ ޝައުގު ލެވަންޑޯސްކީ އަށް ހުރި ނަމަވެސް އިނގިރޭސި ސަރުކާރުން ޔުކްރެއިން-ރަޝިޔާ މައްސަލައިގައި އެ ކްލަބު ހިންގުމަށް ދޫކޮށްފައިވާ ވަގުތީ ލައިސަންސްގައިވާ ގޮތުން ކުޅުންތެރިން ސޮއިކުރުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ އުފައްދާފައިވާ ގްރޫޕުން ޗެލްސީ ގަތުމުގެ މަސަތްކަތް ކުރަމުން އަންނާތީ އެކަންތައް ފައިނަލްވީ އިރަކުން ޗެލްސީ އަށް ކުރިމަތިވެފައިވާ ފިއްތުންތަކުން ކްލަބަށް ހައްލު ލިބިގެންދާނެ އެވެ.