އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން ބަލިވެ، ތާވަލުގެ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފިއެވެ.

ރޭގެ މެޗާ ކުރިމަތިލިއިރު އަމިއްލަ ބާރުގައި ގަދަ ހަތަރެއްގައި ނިންމާލެވެން އާސެނަލް އަށް އޮތެވެ. މި މެޗަށް އާސެނަލް ނުކުތްއިރު، އެއް މެޗު އިތުރަށް ކުޅެގެން ޓޮޓެންހަމް ހޮޓްސްޕާސް އޮތީ ހަތަރު ވަނައިގަ އެވެ. ޓޮޓެންހަމް އަށް ލިބިފައިވަނީ 68 ޕޮއިންޓެވެ. އާސެނަލް އަށް ހޯދިފައިވަނީ 66 ޕޮއިންޓެވެ. ނިއުކާސަލް އަތުން އާސެނަލް ބަލިވުމުން ޓޮޓެންހަމްގެ ފަހު މެޗުގައި ނޯވިޗް ސިޓީ އަތުން ބަލިނުވެ ފަރުޖައްސާލައިގެން ޓޮޓެންހަމަށް ގަދަ ހަތަރެއް ޔަގީން ކުރެވޭނެ އެވެ. އާސެނަލް އަށް ހަތަރު ވަނަ ލިބެން އޮތީ ނޯވިޗް އަތުން ޓޮޓެންހަމް ބަލިވެ، އާސެނަލުން އަމިއްލަ ދަނޑުގައި އެވަޓަންއާ ކުޅޭ މެޗުން މޮޅުވެގެންނެވެ.

ރޭ އާސެނަލް އަދި ނިއުކާސަލް ވާދަކުރި މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ވެސް ނިއުކާސަލް އިންނެވެ. މިއީ އާސެނަލްގެ ޑިފެންޑަރު ބެން ވައިޓް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 85 ވަނަ މިނެޓުގައި ނިއުކާސަލްގެ ދެވަނަ ގޯލް ޖެހީ ބްރޫނޯ ގިމާރޭސް އެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަތް ފަހުން އެ ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އާ ކޯޗެއް ގެނެސް ޖެނުއަރީ ޓްރާންސްފާގައި ގިނަ ކުޅުންތެރިންތަކެއް ގެނެސް ޓީމް ވަރުގަދަކުރި އެވެ. އިންގްލަންޑުގެ އެޑީ ހޯވް ނިއުކާސަލްއާ ހަވާލުވިއިރު އެ ޓީމް އޮތީ ރެލިގޭޝަން ޒޯނުގައެވެ. އެޑީ ވަނީ ލީގުގެ ދެވަނަ ހާފުގައި ނިއުކާސަލްގެ ނަތީޖާތައް އަނބުރާލައި ލީގުގެ 12 ވަނަ އަށް އެ ޓީމު ގެންގޮސްދީފައެވެ.