ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަންނަ ސީނަށްފަހު އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް އަރައިފިއެވެ.

އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ މެޖޯރިޓީ ހިއްސާ އޮންނަ އިންޓަ މިއާމީ އަށް މެސީ ބަދަލުވާން ނިންމާފައިވަނީ އޭނާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ޕީއެސްޖީގައި މެސީ މިހާރު ހުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންންވެ. އެހެންނަމަވެސް، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ދިގުދަންމާލުމުގެ އޮޕްޝަނެއް އެ އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

ބެކަމްގެ ކްލަބުން ވަނީ މީގެ ކުރިންވެސް މެސީ އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިދިޔަ އަހަރު އިންޓަ މިއާމީ އިން ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ހަރަކާތްތަކުގެ ތެރެއިން ބެކަމް ބުނީ މެސީ އަށް އޭނާގެ ކްލަބުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ބެކަމް ބުނީ ކްލަބުގެ އަމާޒަކީ މޮޅެތި ކުޅުންތެރިން ގެނެސް އިންޓަ މިއާމީ މަޝްހޫރު ކޮށްލުން ކަމަށެވެ.

މިހާރުވެސް އިންޓަ މިއާމީ އަށް ޔޫރަޕުގައި ކުޅުނު މަޝްހޫރު ކުޅުންތެރިންތަކެއް ކުޅެމުން ދެއެވެ. އޭގެ ތެރޭގައި ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އާއި އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއިން ހިމެނެއެވެ.

އިންޓަ މިއާމީގެ ޝައުގު މެސީ އަށް ހުރިއިރު ސްޕެއިންގެ ބާސެލޯނާ އިން މިދިޔަ އަހަރު ޕީއެސްޖީ އަށް ބަދަލުވި މެސީ އަށް މިހާތަނަށް އެކަށޭނެ ކުޅުމެއް އެ ކްލަބުގައި ނުދެއްކެ އެވެ. މުޅި ސީޒަނުގައިވެސް މެސީ ޖަހާފައިވަނީ އެންމެ 11 ގޯލެވެ.