އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗަކަށް އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ހާވިއޭ މަޝެރާނޯ ހަމަޖައްސާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ފެނާންޑޯ ބަޓިސްޓާ ވަކިކޮށް ޒުވާން ޓީމް މަޝެރާނޯއާ ހަވާލުކުރި ފަހުން އޭނާ ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރެއިން އެއް ކަމަކީ ކުޅުންތެރިން ފޮލޯ ކުރަން ޖެހޭ މުޅިން އާ ގަވާއިދުތަކެއް ހެދުމެވެ.

މަޝެރާނޯ އެކުލަވާލާފައިވާ ހާއްސަ ގަވާއިދުތަކުގެ ތެރޭގައި ސްކޫލުން ދޭ ފިލާވަޅުތައް ދުވަހުން ދުވަހަށް ނިންމުމާއި، އިނގިރޭސި ބަސް ދަސްކުރުމާއި، ޓްރެއިނިންގް ކޭމްޕުގައި ލިބޭ ހުސް ވަގުތުތަކުގައި ފޮތް ކިޔުމާއި، ޓްރެއިނިންގް ސެޝަން އަދި މެޗް ކުޅެ ނިންމާފައި ކޮންމެ ކުޅުންތެރިއަކުވެސް އެ ކުޅުންތެރިއެއްގެ ބޫޓް ފޮޅައި ސާފު ކުރުމާއި، ކެއުމުގެ ފަހުން އަމިއްލަ އަށް ތަށި ދޮވުމާއި، މީޑިއާ އާއި ޑީލް ކުރާނެ ގޮތް ދަސްކުރުމަށް ހިންގާ ކޮމިއުނިކޭޝަން ކްލާހެއްގައި ބައިވެރިވުމުގެ އިތުރުން ޑްރެސިންގް ރޫމް އަބަދުވެސް ސާފުކޮށް ބެހެއްޓުން ހިމެނެއެވެ.

މަޝެރާނޯ ބުނީ ޒުވާން ޓީމުގެ ކުޅުންތެރިންގެ ފުޓްބޯޅައިގެ ހުނަރު މަތި ކުރުމުގެ އިތުރުން އެ ކުޅުންތެރިންގެ ގައިގައި ރަނގަޅު ސިފަތައް އަށަގެނުވައި އެ ކުޅުންތެރިންނަކީ އަހްލާގު ރަނގަޅު ބައެއް ކަމުގައި ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އޭނާ އެކުލަވާލާފައިވާ ގަވާއިދުތަކަކީ ކުޅުންތެރިންނަށް ވަރަށް މުހިއްމު އަދި އޭގެ ސަބަބުން ކުޅުންތެރިންގެ އަހްލާގީ ފެންވަރު ދަނޑު މަތީގައިވެސް ރަނގަޅުވެ އޯވަރޯލް ޕަފޯމެންސަސް އޭގެން ރަނގަޅު އަސަރެއް ކުރާނެ ކަމެއް ކަމަށް މަޝެރާނޯ ބުންޏެވެ.

މަޝެރާނޯގެ އިރުޝާދުގެ ދަށުން އާޖެންޓީނާގެ ޒުވާން ޓީމުން ވަނީ މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ތިން މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި އެމެރިކާއާ ވާދަކޮށް އެއްވަރުވި އިރު މިފަހުން ޕެރޫއާ ވާދަކުރި ރަހުމަތްތެރިކަމުގެ މެޗުތަކުން އާޖެންޓީނާގެ ޒުވާން ވަނީ މޮޅުވެފައެވެ.