މިދިޔަ މާޗް މަހު ގަތަރުގައި އޮތް ޖިމްނާސްޓިކްސް ވޯލްޑް ކަޕުގައި ރަޝިއާގެ އެތްލީޓެއްގެ ޖާޒީގައި "ޒީ" އަކުރު ލިޔެފައި ހުރުމުން އޭނާ އެއް އަހަރު ދުވަހަށް އެއްވެސް އިވެންޓެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފިއެވެ.

ޖިމްނާސްޓިކްސް ވޯލްޑް ކަޕުގެ ތެރެއިން ރަޝިއާގެ އެތްލީޓް އައިވަން އުލިއަކް، 20، ލައިގެން ހުރި ޖާޒީގެ ކުރިމަތީގައި ގައުމުގެ ދިދަ އިންނަން ޖެހޭ ތަނުގައި އިނީ ޒެޑް އަކުރެވެ. ޒެޑް އަކުރު ރަމްޒުކޮށްދެނީ ޔުކްރެއިނަށް އަރައިގަނެ ރަޝިއާ އިން ކުރަމުންދާ ހަނގުރާމައިގައި ރަޝިއާއާ އެއްކޮޅަށް ހުރި ކަމެވެ. އެއީ އެމީހުންނަށް ކާމިޔާބީގެ ސިމްބަލް އެވެ.

ރަޝިއާގެ ރައީސް ލަޑިމިއަ ޕުޓިންއަށް ސަޕޯޓްކުރާ ފަރާތްތަކުން އިސްނަގައިގެން އެ ގައުމުގައި މި ސިމްބަލް ޕްރޮމޯޓް ކުރުމުގެ މަސަތްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ޒެޑް އަކުރު ލިޔެފައި ހުންނަ ކުޑަކުދިންގެ ކުޅޭ ސާމާނާއި އަންނައުނު ފަދަ ތަކެތި ދަނީ މާކެޓު ކުރަމުންނެވެ. މީގެ އިތުރުން މި ސިމްބަލް ޖަހާފައި ހުންނަ ޓީޝާޓު ލައިގެން ޕުޓިން އަށް ސަޕޯޓުކޮށް ވީޑިއޯ ހަދައި ޔޫޓިއުބުމުގައި ވައިރަލް ކުރުމުގެ މަސަތްކަތް ވެސް އެގައުމުގައި ކުރިއަށްދެ އެވެ.

ޖިމްނާސްޓިކްސް ވޯލްޑް ކަޕުގައި ރަޝިއާގެ ޒުވާން އެތްލީޓް، އައިވަން ލައިގެން ހުރި ޖާޒީގައި ޒެޑް އަކުރު ލިއެފައި އިނުމުން އޭނާ ސަސްޕެންޑް ކުރުމުގެ އިތުރުން އޭނާ އަށް އިނާމުގެ ގޮތުގައި ލިބުނު ފައިސާ އާއި މެޑަލް އަނބުރާ ރައްދު ކުރުމަށް ޖިމްނާސްޓިކް ފެޑެރޭޝަނުން ވަނީ އޭނާ އަށް އަންގައިފައެވެ. މީގެ އިތުރުން މި މައްސަލަ ބެލުމަށް ހިނގާނެ ކަމަށް ބެލެވޭ ހަރަދު ވެސް ފެޑެރޭޝަނަށް ދައްކަން އޭނާ އަށް ވަނީ އަންގައިފައެވެ.

މި މައްސަލައާ ބެހޭގޮތުން އައިވަން ބުނީ ޖާޒީގައި ޒެޑް އަކުރު ޖެހީ އޮޅިގެން ނޫން ކަމަށާއި އެކަމާއި ހެދި ސަސްޕެންޝަނާ ކުރިމަތިވުމުން އެއްވެސް ދެރައެއް ނުވާ ކަމަށެވެ. އަދި އޭނާގެ ގައުމުގައި ޒެޑް އަކުރު ރަމްޒު ކޮށްދެނީ "މޮޅުވުން" އަދި "ސުލްހަ" އަށް ކަމަށާއި އޭނާ ކުރި ކަންތައް ތަކުރާރު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން އަދިވެސް ކުރާނެ ކަމަށެވެ.

"އަހަރެންނަށް އެ ސިމްބަލް ފެނުނީ މިލިޓަރީ އިން. ދެން އަހަރެން ބަލާލިއިރު އޭގެން ރަމްޒުކޮށްދެނީ ސުލްހަ އަދި މޮޅުވުން. އަހަރެން ބޭނުންވީ އަހަރެން ހުރި ޕޮޒިޝަން މީހުންނަށް އަންގައިދޭން. އަހަރެންނަކީ އެތްލީޓެއް ކަމުން އަހަރެން އަބަދުވެސް މަސަތްކަތް ކުރާނީ މޮޅުވާން، އަހަރެން ކުޅޭނީ ސުލްހަ އަށް. އަހަންނަށް ދެވަނަ ފުރުސަތެއް ލިބި އަދި އޮޕްޝަނެއް އޮތް ނަމަވެސް އަހަރެން ޗޫޒް ކުރާނީ އެ ސިމްބަލް ޖާޒީގައި ޖަހަން" އައިވަން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮއްތަލޯ

    ސާބަހޭ ކަލޯ

  2. މެސީ1

    ދެމޫނުގެވެރިން