ގެބޮންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ޕިއެރޭ އެމެރިކް އޮބަމަޔަންގް ހާމަކޮށްފިއެވެ.

ކުޅުން ހުއްޓާލިކަން އޮބަޔަމަންގް، 32، ހާމަކޮށްފައިވަނީ ގެބޮންގެ ފުޓްބޯޅަ އާއިލާ އަށް އޭނާ ފޮނުވި ސިޓީއެއްގައެވެ. އެ ސިޓީގައި އޮބަމަޔަންގް ބުނެފައިވަނީ ފުޓްބޯޅައިން ކުރިއަށްދިއުމުގައި އޭނާ އަށް އެކިގޮތްގޮތުން އެހީތެރިވި ހުރިހާ އެންމެނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"13 އަހަރަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އަހަރެން ނިންމައިފިން. މިވީ އަހަރުތަކުގެ ތެރޭގައި އަހަރެންނަށް ސަޕޯޓްކޮށްދިން ގެބޮންގެ ހުރިހާ ރައްޔިތުންނަށް އަހަރެންގެ ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރަން. ގެބޮންއާއެކު ވަރަށް ބައިވަރު ރަނގަޅު ހަނދާންތަކެއް އެބަހުރި. ހާއްސަކޮށް އަހަރެން އަލަށް ގައުމީ ޓީމަށް ކުޅެން އެރި ދުވަހާއި އެފްރިކަން ބެލޮންޑިއޯ ހިފައިގެން އަހަރެން އައި ދުވަހުގެ މަތިން ހަނދާން ނައްތައެއް ނުލާނަން،" އޮބަމަޔަންގެ ބުންޏެވެ.

އޮބަމަޔަންގް ވަނީ ގެބޮންގެ ރައީސް އަލީ ބޮންގޯ އޮންޑިންބާ އަށް ވެސް ޝުކުރު އަދާކޮށްފައެވެ. އޮބަޔަމަންގް ބުނީ ރައީސް އަލީ ބޮންގޯ ގެބޮންގެ ފުޓްބޯޅަ ކުރިއަރުވަން ކުރަމުން އަންނަ މަސަތްކަތްތަކާއި މިވީ އަހަރުތަކުގައި އެގައުމުގެ ގައުމީ ޓީމަށް ދިން ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ.

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އޮބަމަޔަންގް އެންމެ ފުރަތަމަ ގައުމީ ޓީމަށް މެޗެއް ކުޅުނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން މިވީ 13 އަހަރު ގެބޮންގެ ގައުމީ ޓީމަށް އޮބަޔަމަންގް ވަނީ 72 މެޗު ކުޅެ 30 ގޯލް ޖަހައިދީފައެވެ. އޭނާ އަކީ ގެބޮންގެ ތާރީހުގައިވެސް އެގައުމުގެ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިއާ އެވެ. ގައުމީ ޓީމާއެކު އޮބަމަޔަންގް ވަނީ 2012 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.