އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭ ގޯކުލަމް ކެރެލާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު، ސާބިއާގެ މަޔޮޑްރަގް ޖެސިކް ބުނެފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޖެސިކް ބުނީ، ގޯކުލަމް ކެރެލާ އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި، މިރޭ ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.

ނަމަވެސް ޖެސިކް ބުނީ، ބަޝުންދުރާ ކިންގްސް އަތުން 0-1 ގެ ނަތީޖާއަކުން މާޒިޔާ ބަލިވި މެޗުން ހެދުނު ގޯސްތައް ދެނެގަނެވިފައިވާ ކަމަށާއި، އެ ގޯސްތައް ތަކުރާރު ނުކޮށް ގޯކުލަމް ކެރެލާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

"މި މެޗުގައި ހުރިހާ ގޮތަކުންވެސް ރަނގަޅަށް ކުޅެން އެބަ ޖެހޭ. ގޯކުލަމް ކެރެލާ އަކީ ވަރުގަދަ ޓީމެއް. އެޓީމުގެ ފޯމުވެސް ރަނގަޅު. ބަޝުންދުރާ މެޗުގައި ހެދި ގޯސްތައް ތަކުރާރުވިޔަކަ ނުދޭނަން. މެޗުން މޮޅުވެވޭނެ ކަމުގެ އުންމީދު އެބަ އޮތް" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ޖެސިކް ބުންޏެވެ.

މާޒިޔާއާ ދެކޮޅަށް މިރޭ ނިކުންނަ ގޯކުލަމް ކެރެލާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އޭޓީކޭ މޯހަން ބަގާން އަތުން 2-4 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އިންޑިއާގައި މާޒިޔާ އަދި ގޯކުލަމް ކެރެލާ ބައްދަލުކުރާ މެޗު މިރޭ 20:00 ޖަހާއިރު ފަށާއިރު، ގްރޫޕްގައި ހިމެނޭ ބަޝުންދުރާ ކިންގްސް އާއި އޭޓީކޭ މޯހަން ބަގާން ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 16:00 ޖަހާ އިރެވެ.