އިންގްލަންޑުގެ މެންޗެސްޓަ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ހޯދުމުގެ މަސައްކަތް އޭނާގެ ކުރީގެ ކްލަބް އިޓަލީގެ ޔުވެންޓަސް އިން ފަށައިފިއެވެ.

ޔުނައިޓެޑާއެކު ޕޮގްބާ އެންމެ ފަހުން ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. ކޮންޓްރެކްޓް އާ ކުރުމުގެ ވިސްނުމެއް ދެ ފަރާތުން ނުގެންގުޅޭއިރު ކްލަބު ދޫކޮށްލާނެކަން ޕޮގްބާ ވަނީ ޔުނައިޓެޑުގެ ކުޅުންތެރިންގެ ގާތުގައި ބުނެފައެވެ. ޕޮގްބާ ވަނީ ޔުނައިޓެޑުގެ ކުޅުންތެރިން އުޅޭ ވަޓްސްއަޕް ގްރޫޕުން ވެސް ބޭރުވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޕޮގްބާ ބަދަލުވާން އެންމެ ގާތީ އޭނާގެ ކުރީގެ ކްލަބު ޔުވަންޓަސް އަށެވެ. ޕޮގްބާ ހޯދުމަށް ޔުވެންޓަސް އިން 30 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެއީ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އަހަރަކު 10 މިލިއަނެވެ. ޔުވެންޓަސްގެ ހުށަހެޅުމަށް ޕޮގްބާގެ ވެސް ޝައުގު ހުރި އިރު ކުރިއަށް އޮތް ހަފުތާ ތެރޭގައި އެއްބަސްވުމުގެ ހުރިހާ ކަމެއް ނިމޭވަރުވާނެ ކަމަށް ރިޕޯތުތައް ބުނެއެވެ.

ޕޮގްބާ އަށް ފްރާންސްގެ ޕީއެސްޖީ އިންނާއި ސްޕެއިންގެ ރެއާލް މެޑްރިޑުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެކަމަކު މި ދެކްލަބުން ކުރެ ކްލަބަކުން މިހާތަނަށް ރަސްމީ އެއްވެސް ބިޑެއް ހުށަހަޅާފައެއް ނުވެއެވެ.

ޕޮގްބާ ވަނީ 2012 އިން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ޔުވެންޓަސް އަށް ކުޅެދީފައެވެ. ޔުވެންޓަސް އިން އޭރުގެ ރެކޯޑު ފީ އެއްގައި ޕޮގްބާ ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު އެވެ. ހޯސޭ މޮރީނިއޯ ޔުނައިޓެޑާ ހަވާލުވެގެން ހުރިއިރު ގެނައި ޕޮގްބާ އަށް އޭނާގެ ހަގީގީ ފެންވަރު ޔުނައިޓެޑުގައި އަދި މިހާތަނަށް ނުދެއްކެ އެވެ. ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ވަނީ ގައުމީ ޓީމުގައި އޭނާ އަށް ރަނގަޅަށް ކުޅެވޭ އިރު، ޔުނައިޓެޑްގައި އޭނާ އަށް ޕަފޯމް ނުކުރެވެނީ ކޮން މައްސަލައަކާ ހެދި ކަމެއް ބުނެދޭން ނޭނގޭ ކަމަށް ބުނެފަ އެވެ.