އޭއެފްސީ ކަޕްގެ ގްރޫޕް ޑީ ގައި ބަޝުންދަރާ ކިންގްސްގެ މައްޗަށް 0-4 ގެ ނަތީޖާއަކުން މޯހަން ބަގާން ކުރިހޯދައިފިއެވެ.

ކަލްކަޓާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ މޯހަން ބަގާން އިންނެވެ. އެގޮތުން އެޓީމުން ދިޔައީ ބަޝުންދަރާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

މޯހަން ބަގާން އިން މެޗުގެ ލީޑު ނެގީ 25 ވަނަ މިނެޓުގައި ލިސްޓޮން ކޮލާކޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ނުވަ މިނެޓު ފަހުން ކޮލާކޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މޯހަން ބަގާންއަށް ލީޑު ފުޅާކޮށްދިފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން ބަޝުންދަރާގެ މައްޗަށް މޯހަން ބަގާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް މޯހަން ބަގާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ 53 ވަނަ މިނެޓުގައި ތިން ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކޮލާކޯ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މޯހަން ބަގާންގެ ފަރާތުން ފެނިގެންދިޔަ ހަތަރު ވަނަ ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑޭވިޑް ވިލިއަމްސްއެވެ. މެޗުގައި ބަޝުންދަރާއިންވެސް ގިނަ ހަމަލާތައް އުފެއްދި ނަމަވެސް، އެޓީމަށް ވަނީ މޯހަން ބަގާންގެ ގޯލު ފޫ އަޅުވާލެވޭ ގޮތް ނުވެފައެވެ.

މި ނަތީޖާއާއެކު މޯހަން ބަގާން އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބަޝުންދަރާ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައެވެ.

މޯހަން ބަގާންއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދެވަނައިގައި އޮތް ގޯކުލަމް ކެރެލާ އަދި ގްރޫޕްގެ ފުލުގައި އޮތް މާޒިޔާ މިރޭ ކުޅޭ މެޗަށްފަހު ގްރޫޕަށް ބަދަލުތަކެއް އަންނާނެއެވެ. މި މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 20:00 ޖަހާއިރެވެ.